ޚަބަރު

ޒަމާނީ ބަދަލުތަކާއެކު ގަޑިބުރު އަލުން ހުޅުވައިފި، ބަންގީގެ އަޑު އިއްވާނެ


  • ގަޑިބުރު ހުޅުވާފައިވަނީ ޒަމާނީ ފަރުމާތަކާއެކު

  • އައު ގަޑިބުރުން 5 ވަގުތު ބަންގީގެ އަޑުއިވޭނެ

  • ލެޑް ލައިޓްތަކުން މުހިންމު މައުލޫމާތުތައް ދޭނެ

ކުރީގެ ގަޑިބުރު ޒަމާނީ ފަރުމާއަށް ތަރައްޤީކޮށް، އަލުން އިފްތިތާހުކޮށްފިއެވެ. ގަޑިބުރު އަލުން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ޕައިނިއާރސް މޯލްޑިވްސްގެ ފަރާތުންނެވެ. މިގަޑިބުރު ހުންނަނީ އޯކިޑްމަގާއި، ފަރީދީ މަގާއި ފަނޑިޔާރުމަގު ގުޅޭ ކަންމަތީގައެވެ. މާފަންނު ގަޑިބުރަކީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު މުނާސަބަތާއި ގުޅުވައިގެން ސްރީ ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ.

ގަޑިބުރު އަލުން އިމާރާތްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިއީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭކަމެއްކަމަށެވެ. ކުރީގެ ގަޑިހުރި ކޮންސެޕްޓްގައި ޒަމާނީ ގޮތެއް ގެނެސް ޑިޖިޓަލައިޒްކޮށް އަލުން މި ގަޑިބުރު އިމާރާތްކޮށް ހުޅުވޭއިރު މިއީ ހުރިހައި އުމުރުފުރާއެއްގެ މީހުންނަށްވެސް ބޭނުންތެރި ބިނާއަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގައި ހުރި މިފަދަ އެހެން ބިނާތައްވެސް ޒަމާނާއި އެއްގޮތައް އެތަންތަނަށް އާރޯކަން ގެނެސްދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެންނެވީ ކުރީގައި މިތަނުގައި ގަޑި ހުރި ކޮންސެޕްޓްގައި އެ ޑިޒައިނާއި އެއްގޮތްވާގޮތައް އަދި ޒަމާނީ ގޮތެއްވެސް އެއަށްގެނެސް ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހަދައިދެއްވާށޭ. މީގެބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުދިންނަށްވެސް ޖުމްލަކޮށް ހުރިހައި ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި 5 ވަގުތު ބަންގިވެސް ގޮވޭގޮތައް ހަމަޖެހިފައި މިއޮތީ. މުހިންމު މެސެޖްތައްވެސް ޑިޖިޓަލް ސްކްރީނަށް އެރުވޭގޮތައް. އަދި މި ސީއެސްއާރު ޕްރޮގްރާމް ހިންގެވި ފަރާތުން އެކި އިޝްތިހާރުތައްވެސް ވިޔަފާރިތަކަށް ފައިދާއައި ނަފާ ވާގޮތައް." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލެއެވެ. އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ. މި ބިނާގެ އެންމެ މަތީ ބައިން ރަމްޒުކޮށް ދެނީ މުންނާރުގެ ގުއްބެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި ގަޑިބުރު އިމާރާތްކުރި ޕައިނިއާރ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފް ވިދާޅުވީ، މި ބިނާ ހުޅުވިގެންދާއިރު ލިބިގެންދާ އެންމެ ބޮޑު އުފަލަކީ ރައީސް ހުވާކުރެއްވުމަށްފަހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ރަސްމިއްޔާތައް މި ރަސްމިއްޔާތުވުންކަމަށެވެ. މި ގަޑިބުރު އިމާރާތްކުރުމުގެ މަސައްކަތް ޑރ. މުޢިއްޒު ވަރަށް ގާތުން ބެއްލެވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ގަޑިބުރުން 5 ވަގުތު ބަންގި ގޮވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބިނާ އަލުން ފަރުމާކޮށް ހުޅުވޭއިރު ޒަމާނުގެ ރަމްޒެއްގެ ގޮތުގައި ހިމެނޭ 4 ގަޑި ހިމެނިފައިވާނެ. އަދި މި ބިނާ އެންމެ އުސް ކުރިބޯށި ފަރުމާކޮށްގައިވަނީ މާތްވެންވާ އިސްލާމްދީން ވަންތަކަން ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި. އަދި ފަރުޟު 5 ނަމާދުގެ ބަންގީގެ އަޑު ގަޑިން ގަޑިއަށް ހިތްހަމަޖެހުމާއިއެކު އިވިގެންދާނެ." ޑރ. އިކްލީލް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކުރިއެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލާ އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރިއެވެ. އަނެއްކާގެ އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައިމަހުވެސް އެތަން ތަޅާލާ އަލުން ވަނީ މަރާމާތުކޮށްފައެވެ.