ޚަބަރު

ޤައުމިއްޔަތަށް ދެއްވި ޚާއްސަ އިސްކަން، ވުޒާރާތަކުގެ ނަންތައް ދިވެހި ބަހަށް


  • 22 ވުޒާރާއެއް ވަނީ އެކުލަވާލާފައި

  • ކޮންމެ ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ހިމަނާފައި

  • ނަން ބޯޑުތައް ބެހެއްޓެވުމުގައިވެސް، ދިވެހި ބަހަށް އިސްކަންދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަކީ މިހާތަނަށް އެންމެ ގިނަ ވުޒާރާގެ މައްޗަށް އެކުލެވޭ ސަރުކާރެވެ. ބަންޑާރަނައިބުގެ އޮފީހާއެކު، 22 ވުޒާރާއެއް އެމަނިކުފާނު ވަނީ އެކުލަވާލާފައެވެ. މީގެ ތެރޭގައި އައު ވުޒާރާތައްވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއް ވުޒާރައަކީ ޤައުމިއްޔަތާއި ގުޅޭ މަސައްކަތްކުރުމަށް ޚާއްޞަ ވުޒާރާއެވެ.

މީގެ ކުރިން އެއް ވުޒާރާއެއްގެ ގޮތުގައި ގިނަ މެންޑޭޓުތައް ހިމެނޭ ވުޒާރާތައް އައު ސަރުކާރުން ވަނީ ބައިކޮށް ދެ ވުޒާރާއަކަށް ހަދާފައެވެ. އެގޮތަށް ނިންމެވީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަސްކޮށް، ގާތުން ދިނުމަށެވެ. މީގެ ކުރިން މަސްވެރިކަމާއި، ދަނޑުވެރިކަން އެއް ވުޒާރާއަކުން ސިޔާސަތުތައް ކަނޑައަޅަމުން ދިޔަނަމަވެސް އައު ސަރުކާރުން ވަނީ އެ ދެ މަސައްކަތަށްވެސް ދެ ވުޒާރާއަށް ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުޅިން އަލަށް އެކުލަވާލެއްވި ބައެއް ވުޒާރާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ ސިނާޢަތާއި، ޤައުމިއްޔަތާއި ގުޅޭ ޚާއްސަ ވުޒާރާއާއި، ކައުންސިލްތައް ބާރުވެރިކުރުވަން އުފެއްދެވި ވުޒާރާ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ ޚާއްސަ އެއް ސިފައަކީ، ޤައުމިއްޔަތާއި ދިވެހިރާއްޖެއާއި ރާއްޖޭގެ ސަޤާފަތަށް އެމަނިކުފާނު ދެއްވާ ލޯތްބާއި އިޙުތިރާމެވެ. އެ މަސައްކަތަށްޓަކައި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ޚާއްސަ ވުޒާރާއެއްވެސް ވަނީ އެކުލަވާލާއްވާފައެވެ. އެކަމުންވެސް ޤައުމިއްޔަތަށް އެމަނިކުފާނު ބަހައްޓަވާ ޚާއްޞަ ލޯބި ހާމަވެއެވެ. ދިވެހި ބަހާ ޤައުމިއްޔަތަށް ރައީސުލްޖުމްހޫރިއްޔާ ޑރމުޙައްމަދު މުޢިއްޒު ދެއްވާ ޤަދަރު، ވުޒާރާތަކުގެ ނަންބޯޑުތަކުން އެކަނިވެސް ބުނެދެއެވެ.

މި ސަރުކާރުގެ ވުޒާރާތަކުގެ ނަން ބޮޑުތަކުން ފެންނަނީ ދިވެހިންނާއި އިނގިރޭސިބަހުން ލިޔެފައިވާ މަންޒަރެވެ. ތަފާތަކީ، ކުރިން ހަމައެކަނި އިނގިރޭސިބަހުން ދީފައިވާ ނަންތައް، މިއަދު ކޮންމެ ދިވެއްސަކަށްވެސް ފަހުމްވުމެވެ. އެއީ ކޮން މަސައްކަތެއް ހަވާލުވެފައިވާ ވުޒާރާއެއްކަން ފަސޭހައިން އެނގިގެން ދެއެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަން ދިވެހި ބަހުން ލިޔެފައިވަނީ "ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ"ގެ ނަމުންނެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަކީ "އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ"އެވެ. ހެލްތް މިނިސްޓްރީއަކީ "ސިއްޙީ ވުޒާރާ"އެވެ. މީގެ އިތުރުން ދިވެހި ބަހާއި، ސަގާފަތާއި ތަރިކައިގެ ވުޒާރާވެސް ހިމެނެއެވެ. މިގޮތަށް ކޮންމެ ވުޒާރާއަކަށް ދީފައިވަނީ ދިވެހި ނަމެކެވެ. ނަންބޯޑުގެ ތިރީގައި އިނގިރޭސި ތަރުޖަމާ ހިމަނާފައިވެއެވެ.

ދިވެހި ބަހާއި، ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހިމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ރައްޔިތުންނަށް ފަސޭހައިން ދޭހަވާގޮތަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ނަންތައް ލިޔެފައި ބެހެއްޓެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުކަމަށެވެ.

މިގޮތަށް ނަންތައް ދީފައިވަނީ، އަމިއްލަ ބަހުން ކަމެއް ބުނެދިނީމައި އެކަމެއް ދޭހަވެ ނަގައިގަންނަން ފަސޭހަވާނެތީކަމަށެވެ. އެހެންކަމުން ނަންތައް ތަރުޖަމާކުރުމުގައި އަކުރުން އަކުރަށް ބަދަލުކޮށް ތަރުޖަމާނުކޮށް، އެ މަސައްކަތެއް ކުރާ ތަނެއް ފަސޭހައިން ދިވެހި ބަހުން ދޭހަވާނެގޮތަށް ނަންތައް ހެއްދެވީކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ދިވެހިންނަށް ޚިދުމަތް ދިނުމަށް އެމަނިކުފާނު ޤާއިމުކޮށްދެއްވި ތަންތަންކަމުގެ އިޙުސާސު، ދިވެހިންގެ ހިތަށް ގެނެސްދެއްވުންކަމަށްވެސް ވަޒީރު ޢާދަމް ނަޞީރު އިބްރާޙިމް ވިދާޅުވިއެވެ

"ދިވެހިންގެ ހިތްތަކަށާއި، ދިވެހިންގެ ދުލަށް ފަސޭހަ، ދިވެހި ވިސްނުމަކުން ދިވެހިންނަށް ޚިދުމަތް ކޮށްދެއްވާނެ ތަންތަންކަން، އެ ތަންތަނުގެ ނަންތަކުންވެސް އެބަ އިޙުސާސުކޮށްދޭ. އަދި މިގޮތަށް ނަންތައް ހުރުމުން ފަސޭހައިން ހިތުގައި ހަރުލާ." ދިވެހި ބަހާއި، ސަޤާފަތާއި ތަރިކައިގެ ވަޒީރު ޢާދަމް ނަޞީރު އިބްރާޙިމް ވިދާޅުވިއެވެ.

ދިވެހި ބަހާއި ޤައުމިއްޔަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަން، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެން ދެއްވި އިފްތިތާހީ ތަޤުރީރުންވެސް ހާމަވެއެވެ. އެ ތަގުރީރުގެ ދިވެހި ބަހުގެ މުއްސަނދިކަމާއި ނަމޫނާއަށް އެތައް ބައެއް ވަނީ ތަޢުރީފްކޮށްފައެވެ.