ޚަބަރު

ބަންދު ދުވަހަކަސް އެއްވެސް ވަގުތެއް ނަގާނުލާ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް


  • ރައީސްވަނީ އެއްވެސް ވަގުތެއް ނަގާނުލައްވާ މެނިފެސްޓޯގެ މަސައްކަތް ފައްޓާނެކަމަށް ވިދާޅުވެފައި

  • ރައީސްގެ ކެބިނެޓްގެ ބޭފުޅުން މިއަދު ވަނީ މަސައްކަތް ފައްޓަވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓް ހުވާކުރެއްވުމާއެކު ޤައުމީ އިސް ވާޖިބުތައް އަދާކުރެއްވުމަށް ނުކުންނަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ދިވެހިންނަށް ދިވެހީންގެ ރާއްޖެ ހޯއްދަވާދެއްވާ ޤައުމަށް ބޭނުންވާކަންކަން ކޮށްދެއްވުމުގައި އެއްވެސް ވަގުތެއް ނަގާނުލައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެމުންނެވެ. އަސާސީ އެތައްކަމެއް ފަހިކޮށްދެއްވަންޖެހިފައިވާއިރު، ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ މާލީ ބޮޑު ބުރައެއް ދިވެހި ދައުލަތުގެ ކުރިމަތީގައި އޮތް ދަނޑިވަޅެއްގައެވެ.

ފިސާރިކެރިވަޑައިގެން މިކަންކަމާއި ކުރިމަތިލައްވާނެކަމަށް ވިދާޅުވަމުން ހުކުރުދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާފައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެފަދަ ދަރުބާރެވެ. ރޭގަނޑު އެމަނިކުފާނުގެ ކެބިނެޓް ޢިއުލާންކުރައްވާ އެބޭފުޅުންގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަސް މިފަހަރު ދިމާވީ ހުކުރު ދުވަހަކާއެވެ. ސަރުކާރު ބަންދު ދުވަހަކަށްފަހު ޖެހިގެންއައި ހޮނިހިރު ދުވަހަކީވެސް ބަންދު ދުވަހަކަށްވުމުން، އައު ސަރުކާރުގެ ރަސްމީ މަސައްކަތްތައް އާދިއްތަ ދުވަހު ފަށްޓަވާނެކަމަށް ލަފާކުރެވުނުނަމަވެސް ފެނިގެން ދިޔައީ އެމަންޒަރެއް ނޫނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ މަސައްކަތްތައް ބަންދު ދުވަހެއްނަމަވެސް ވަގުތުން ފެއްޓެވީއެވެ. އެމަނިކުފާނުގެ ވަޒީރުން އެބޭފުޅުންގެ މިނިސްޓްރީތަކުގެ އިސް މުވައްޒަފުންނާއި ބައްދަލުކުރައްވާ ޙަފްތާ ފެށޭ ދުވަހުން ރަސްމީކޮށް މަސައްކަތް ފެށުމަށް ތައްޔާރުވަނީއެވެ.

ނޫސްވެރިންނާއި އޮތް ގުޅުން ބަދަހިކުރުމަށް ބައެއް މިނިސްޓްރީތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސަވަމުންދާއިރު، ބައެއް މިނިސްޓަރުން ވަނީ ރާއްޖެއިން ބޭރުން ވަޑައިގަންނަވާފައިވާ ބޭރުގެ އެކި ސަފީރުންނާއި ބައްދަލުކުރައްވާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. ހަމައެއާއެކު ބައެއް މަޝްރޫޢުތައް ފުރަތަމަ ދުވަހުވެސް ވަނީ ޢިއުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަޤުރީރުގައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ހަމަ މަގަށް އެޅުވުމަށްޓަކާ އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ދެފުށް ފެންނަ ސަރުކާރަކަށްކަމަށާއި، ޤައުމު ބިނާކުރުމުގެ މަސައްކަތްޕުޅު ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެކަމަށެވެ.

އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ. ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ. އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ފަސްގަނޑު ދިފާޢުކުރާނެ. ޣަދަރުވެރިއެއް ނުވާނެ. އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކެބިނެޓްގެ ބޭފުޅުން ބަންދު ދުވަހެއްގައިވެސް މަސައްކަތަށް ނުކުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯއާއި އެމަނިކުފާނުގެ މުހިންމު ސިޔާސަތުތައް ތަންފީޒުކުރެއްވުމުގެ ޒިންމާ އަދާކުރައްވަން މިވަނީ ފަށްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގެ ތެރޭގައި ވިދާޅުވި ފަދައިން އެއްވެސް ވަގުތެއް ނަގާލުމެއް ނެތި ޤައުމީ ވާޖިބު އަދާކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެއްވުމުގައި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުން ފުރަތަމަ ދުވަހުވެސް މިވަނީ ސާބިތުކޮށްދީފައެވެ.