ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ކުޅިވަރަށް ޚާއްސަކޮށް އުފެއްދެއްވި މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ވަޒީރަކަށް ޢަބްދުﷲ ރާފިޢު ހަމަޖައްސަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ކުޅިވަރުގެ ކަންކަން ކުރިއަށްދާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުންނެވެ. ޒަމާންތަކެއް ވަންދެން އެ މިނިސްޓްރީ ހިންގަމުން އައީ ޔޫތު މިނިސްޓްރީގެ ބައެއްގެ ގޮތުގައެވެ.
އިންޑިއާއިން މެޑިކަލް ރިހިބިލިޓޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވިއިރު، އެ ކޯހުގައި ޚާއްސަ ވަނައެއްގައި ތައުލީމު ހާސިލުކުރި ރާފިޢު އަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރއްވާފައިވާ ރާފިޢު ވަނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސްގެ މެޑިކަލް ޓީމު ލީޑުކޮށްފައެވެ.
ގައުމީ ކުޅިވަރު ކައުންސިލުގައިވެސް ހަރަކާތްތެރިވި ރާފިޢު އަކީ އެސޯސިއޭޝަންތަކުގެ އެކި ފެންވަރުގެ ފަރާތްތަކާއި، ކުޅިވަރު އެތުލީޓުންނާ ވަރަށްވެސް ގާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
ދުނިޔޭގެ ސްވިމިން ފެޑެރޭޝަނުގެ މެޑިކަލް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާ ރާފިޢު ވިދާޅުވީ ކުޅިވަރުގައި ރާއްޖެ ދާން ބޭނުންވާ އަމާޒަށް ވާސިލުވުމުގައި ދެން ފުރިހަމަކުރަން ޖެހޭ ކަމަކީ ހައި ޕާފޯމަންސް ޓްރެއިނިންގެ ކަންކަން ކުރިއަށްގެންދިއުން ކަމަށާއި، ހުރިހާ ކުޅިވަރެއްގެ ތެރެއިން ރާއްޖޭގެ މުޖުތަމައު ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.
މިއީ ކުޅިވަރު މައިދާނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅަކު ކުޅިވަރު ވުޒާރާއާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.