ޚަބަރު

ޑެންގީ ޖެހިގެން މިއަހަރުގެ މިހާތަނަށް 3000 އަށްވުރެ ގިނަ ކޭސް


  • ޑެންގީ ޖެހިގެން ޖުމްލަ 3065 ކޭސް

  • މާލޭ ސަރަޙައްދުން އެކަނިވެސް 933 ކޭސް

  • އަތޮޅުތަކުން 2132 ކޭސް

ޑެންގީ ޖެހިގެން މި އަހަރުގެ މިހާތަނަށް 3000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށާއި، އަދި ޑެންގީއިން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ޙާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ ފާއިތުވި ސެޕްޓެމްބަރމަހާއި އަޅާ ބަލާއިރު، އޮކްޓޯބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި ޢަދަދު އިތުރުވެފައިވާކަމަށެވެ. އެހެންނަމަވެސް ފާއިތުވެ ދިޔަ 2 ހަފްތާގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ.

މި ދުވަސްވަރު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓް ކުރަމުންދަނީ މާލެ، ހުޅުމާލެ، ހއ، ހދ، އަދި ރ އަތޮޅުންކަން އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ. އަދި މި އަހަރު މިހާތަނަށް ޑެންގީ ޖެހިގެން ޖުމްލަ 3065 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން މާލެ ސަރަޙައްދުން އެކަނިވެސް މިހާތަނަށް 933 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަތޮޅުތަކުން 2132 ވަނީ ރިޕޯރޓްކޮށްފައިކަމަށެވެ. މިދިޔަ ސެޕްޓެމްބަރުމަހު 250 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިދިޔަ އޮކްޓޯބަރުމަހު މި ޢަދަދު ވަނީ 305 އަކަށް އިތުރުވެފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ބާރުއަޅުއްވައެވެ.

މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރު އަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހިންމެވެ.

މިގޮތުން ބަލި ޖެހިއްޖެނަމަ ބަލިން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.