ޚަބަރު

ޔަހޫދީންގެ ގަތުލުއާންމުގެ މައްސަލަ އައި.ސީ.ސީއަށް ހުށަހަޅައިފި


ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު ކަމުގައިވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އަށް ހުށަހަޅައިފިއެވެ. މި މައްސަލަ އައި.ސީ.ސީއަށް ހުށަހަޅާފައި ވަނީ ފަސް ޤައުމަކުން ގުޅިގެންނެވެ. އެ ޤައުމުތަކަކީ ދެކުނު އެފްރިކާ، ބަންގްލަދޭޝް، ބޮލީވިޔާ، ކޮމޮރޯސް އަދި ޖިބޫޓީއެވެ.

އައި.ސީ.ސީގެ ޕްރޮސިކިޔުޓަރ ކަރީމް ޚާން ވަނީ އެ ފަސް ޤައުމުން ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ލިބިފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. މި މައްސަލައާ ގުޅޭ ގޮތުން ދެކުނު އެފްރިކާއިން ބުނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލު އައި.ސީ.ސީން ތަހުޤީޤު ކުރަމުންދާ ކަން ޔަގީން ކުރަން ބޭނުންވާ ކަމުގައެވެ.

ފަސް ޤައުމަކުން ގުޅިގެން މި މައްސަލަ އައި.ސީ.ސީއަށް ހުށަހަޅާފައިވާއިރު، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށްތައް އެ ކޯޓުން ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުން ފެށިގެން ތަހުޤީޤު ކުރަން ފަށާފައެވެ. މި މައްސަލައަކީ އައި.ސީސީގެ އިޙްތިޞާޞްގެ ދަށުން އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމުގައި ޚާން ކުރިން ވިދާޅުވެފައިވެއެވެ. އައި.ސީ.ސީގެ ތަޙުޤީޤު ފަށާފައި ވަނީ، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އެޅުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބަލައިގެންނެވެ.

ފަސް ޤައުމަކުން ގުޅިގެން އައި.ސީ.ސީއަށް އައު މައްސަލައެއް ވައްދާފައިވާއިރު، މި ކަމާ ގުޅޭ އިތުރު ތަހުޤީޤެއް އެ ކޯޓުން ފަށާފައިވާތީ، ފަހުން ހުށަހެޅި މައްސަލައާ އެކު ކުރިއަށް ދިޔުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމުގައި އެ ކޯޓުން ބުނެއެވެ. އަދި، ކުރިން ފަށާފައިވާ ތަހުޤީޤުގެ ދަށުން މި މައްސަލައާ ގުޅުންހުރި ގިނަ ޢަދަދެއްގެ ހެކިތަކާއި މަޢުލޫމާތު އެއްކުރެވިފައިވާ ކަމުގައި ވެސް އެ ކޯޓުން ބުނެއެވެ.

ޒަޔަނިސްޓު އިސްރާޢީލަކީ އައި.ސީ.ސީގެ މެންބަރެއް ނޫނެވެ. އަދި، އެ ކޯޓު ބަލައިގަންނަ ޤައުމެއް ވެސް ނޫނެވެ. އެހެންކަމުން، އިސްރާޢީލާ ދެކޮޅަށް އެ ކޯޓުން ކުރާ ހުކުމެއްގައި، ނުވަތަ ނިންމާ ނިންމުމެއްގައި އެއްވެސް ބުރަދަނެއް ހުންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ. އަދި، އައި.ސީ.ސީގެ އެއްވެސް ހުކުމަކަށް ނުވަތަ ނިންމުމަކަށް ޔަހޫދީން އިޙުތިރާމު ނުކުރާނެ ކަން ކަށަވަރެވެ.

ފަސް ޤައުމަކުން ގުޅިގެން ޔަހޫދީންގެ މައްސަލަ އައި.ސީ.ސީއަށް ހުށަހަޅާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,400 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 30,000 އަށް އަރައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 4,700 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމް ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.