ޚަބަރު

މުލިއާގެ މަރާމާތުކޮށް ނިމެންދެން ރައީސް ޑރ.މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައި


  • އާއިލާއާއިއެކު ޑރ.މުޢިއްޒު މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުގައި

  • ރިޔާސީ ގަނޑުވަރު މުލިއާގެއަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާ ދިރިއުޅުއްވުމަށް ޚާއްސަ ގެކޮޅު

  • ރަސްރަސްކަލުންނާއި ބައެއް ރައީސުން ދިރިއްވީ މުލިއާގޭގައި

ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. އާއިލާއާއެކު އެމަނިކުފާނު މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ، އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ.

ރިޔާސީ ގަނޑުވަރު މުލިއާގެއަކީ، ރާއްޖޭގެ އެންމެ މަތީ ވެރިޔާ ދިރިއުޅުއްވުމަށް ސަރުކާރުގެ ފަރާތުން ޚާއްސަކުރައްވާފައިވާ ގެކޮޅެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ ބޭފުޅަފު، އެބޭފުޅަކު އަމިއްލައަށް ބޭނުންވާ ތަނެއްގައި ދިރިއުޅުމުގެ އިޚްތިޔާރު އޮވެއެވެ.

ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަންކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތައް، ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ކުރިއަށްގެންދަވާނެކަމަށެވެ.

އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިނަމަވެސް، އެމަނިކުފާނަށް ދޭންވާ ސަލާމަތާއި ރައްކާތެރިކަން، ސަލާމަތީ ބާރުތަކުން ފުރިހަމައަށް ދޭނެއެވެ.

މީގެކުރީގެ ބައެއް ރަސްރަސްކަލުންނާއި، އަދި ވޭތުވެދިޔަ ދަޢުރުތަކުގެ ބައެއް ރައީސުންވެސް ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ދިރިއުޅުއްވިއެވެ.

އެންމެފަހުގެ ރައީސް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ 5 އަހަރުގެ ދަޢުރުގައި، އެމަނިކުފާނުވެސް ދިރިއުޅުއްވީ މުލިއާގޭގައެވެ. އަދި ރައީސް ނަޝީދާއި ރައީސް ވަޙީދުވެސް މުލިއާގޭގައި ދިރިއުޅުއްވިއެވެ.