ވިޔަފާރި

ފަތުރުވެރިކަމަށް ޒަމާނީ އައު ގޮތްތައް ތައާރަފްކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު


  • ދިވެހި ދައުލަތުގެ ދަރަނި ވަނީ ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައި

  • އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމް

  • ފަތުރުވެރިކަމަށް އައު ގޮތްތައް ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވި

ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އައު ގޮތްތައް ތައާރަފްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުވާކުރެއްވުމަށްފަހު ޤައުމާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވަރަށް އިތުބާރާއެކު ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީގައި ހުއްޓި ހުރީ ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައިކަމަށެވެ. އެއީ ރައްޔިތުންގެ އުއްމީދުތަކާއި އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވާޖިބުތައް އަދާކުރުމާ ދެމެދު އޮތް ވަޅުގަނޑުކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދިވެހި ދައުލަތާއި ހަވާލުވާއިރު ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނީގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިވަނީ ކުއްލި އަވަސްފަރުވާއަށް ބޭނުންވެފައި ކަމަށެވެ.

އެހެންކަމުން ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމްވެފައިވާކަމަށާއި، އެކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއު ނިންމައި، ޒަމާނީ އައު ޓާމިނަލް ވަރަށް އަވަހަށް ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެކަމަށާއި، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ފަރުދީ ފެންވަރުގައާއި، އާއިލީ ފެންވަރުގަޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި. އެހެންކަމުން އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން. ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އައު ގޮތްތައް ތައާރަފްކުރާނަން. ހަމަ އެހެންމެ އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށްޓަކައި ގެދޮރުވެރިކަން ފަދަ ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުންފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެފައެވެ. ދުނިޔޭގައި ކުރިއަރާފައިވާ އެންމެ ފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރަފްކޮށްދީ އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން މާލަހެއްނުވެ މަސްވެރިންނާއި ދަނޑުވެރިން އަމިއްލައަށް ތަޖުރިބާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.