ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރާއްޖެއަށް


  • އެކަމަނާއަށް މަރުޚަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީއާއި ޕީޕީއެމްގެ ނާއިބު ރައީސް

  • ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ

  • ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:45 ގައި

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބަިއވެރިވެވަޑައިގަތުމަށް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ޖެނެޓް ސްކޮޓްލޭންޑް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެކަމަނާއަށް ސަރުކާރުގެ ފަރާތުން މަރުޚަބާ ދެންނެވީ ފޮރިން އެފެއަރސްގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނަޢީމް އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މަރުޚަބާ ދެންނެވީ ޕީޕީއެމްގެ ނާއިިބު ރައީސް އަޙުމަދު ޝިޔާމުއެވެ.

ކޮމަންވެލްތަކީ ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ މިނިވަން 56 ޤައުމެއް ތަމްސީލްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. ޕެޓްރީޝިއާ ސްކޮޓްލޭންޑަކީ 2016 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވަމުން އަންނަ ބޭފުޅާއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީސް ރަނީލް ވިކްރަމަ ސިންގހާގެ ދެކަނބަލުން ރޭ ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވާފައިވާގޮތުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މީގެތެރޭގައި އެމެރިކާ، ޔޫރަޕް، އެފްރިކާ، އޭޝިއާ، ސައުތު އޭޝިއާ އަދި ސާރކް ސަރަޙައްދުގެ ޤައުމުތައް ހިމެނެއެވެ.

މީގެތެރެއިން ގިނަ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ރަސްމިއްޔާތުގައި ހެޑް އޮފް ސްޓޭޓް ލެވެލްގައި ބައިވެރިވެވަޑައިގަންނަވާނީ އެންމެ ބޭފުޅެއްކަމަށެވެ. އެއީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައެވެ. މީގެއިތުރުން 2 ޤައުމެއްގެ ނައިބު ފެންވަރުގެ ބޭފުޅުން، 12 ޤައުމަކުން ވަޒީރު ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އިންތިޚާބީ ރައިސް ހުވާކުރެެއްވުމުގެ ރަސްމިއްޔާތުގައި ދަޢުވަތު ދީގެން 3500 އަށްވުރެ ގިނަ މެޙުމާނުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 04:45 ގައެވެ.