ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އެގްޒެކްޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާއި ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން އަންގަވައިފިއެވެ.
ޕީސީބީންވަނީ ކުންފުނިތަކުގެ ބޯޑަށް އެގްޒެކްޓިވް މެންބަރަކު އަންޔަންކުރުމާ ދެމެދު ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި އެއްވެސް ކަމެއް ނުކުރުމަށްވެސް އަންގަވާފައެވެ.
ޕީސީބީން މިގޮތަށް އަންގަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށް ނެރުއްވި ބަޔާނެއްގައެވެ.
ޕީސީބީން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެގްޒެކްޓިވް އޮފިސަރ މަޤާމުން ވަކިވެފައިވާ ހާލަތުގައި ވަގުތީ ގޮތުން ކުންފުނި ހިންގުމުގެ ގޮތުން މަޤާމާއި ހަވާލުވެވޭނީ ކުންފުނީގެ ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ކަމަށެވެ. ބޯޑުގެ އެގްޒެކްޓިވް މެންބަރެއް ނެތް ހާލަތުގައި ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ނުވަތަ ކުންފުނީގެ މެނޭޖްމަންޓްގެ އެންމެ އިސް ފަރާތަކާއި ކުންފުނީގެ ހިންގުން ހަވާލުކުރެވޭނެ ކަމަށްވެސް ޕީސީބީން ވިދާޅުވެއެވެ.
އެހެންކަމުން މިހާލަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވަގުތީ ގޮތުން ހިންގުން ހަވާލުކުރާ ފަރާތުގެ މައުލޫމާތު ހިމެނޭހެން އެފަރާތުގެ މަޤާމް، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ޙިއްސާކުރެއްވުމަށް އެ ބޯޑުން ވަނީ އަންގަވާފައެވެ.