ޚަބަރު

ޑރ. މުޢިއްޒު: ޚުލްގުފުޅު ހެޔޮ، ވަރުގަދަ ޝަޚުސިއްޔަތެއްގެ ވެރިއެއް!


  • ރައްޔިތުންގެ ސީދާ ވޯޓުން މާލެ ސިޓީގެ މޭޔަރަކަށް ހޮވިވަޑައިގަތް ފުރަތަމަ މޭޔަރު

  • ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް

  • ރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ

  • ޢާއިލާއާއެކު ގާތް އަދި ނަމޫނާ ގުޅުމެއް ބާއްވަވާ ބޭފުޅެއް

ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފަންވެވަޑައިގަތީ 1978 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ. ޑރ.މުޢިއްޒު މަތީ ސާނަވީއާއި ހަމައަށް ތަޢުލީމު ޙާސިލްކުރެއްވީ މާލޭގައެވެ. އެއަށްފަހު މަތީ ތަޢުލީމު ޙާސިލްކުރެއްވީ އިނގިރޭސިވިލާތުންނެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންއިން ޑރ.މުޢިއްޒުވަނީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލްކުރައްވާ އަދި ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ. ޔުނިވަރސިޓީ އޮފް ލީޑްސްއިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީ.އެޗް.ޑީ ޙާސިލްކުރައްވާ މުޢިއްޒުވަނީ ޑޮކްޓަރުކަމުގެ ލަޤަބު ހޯއްދަވާފައެވެ. ޑރ.މުޢިއްޒު މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ދާއިރާތަކުންނެވެ.

ޑރ.މުޢިއްޒު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް މަސައްކަތްކުރެއްވީ ހައުސިންގ މިނިސްޓްރީގައެވެ. ސިޔާސީ ޙަޔާތްޕުޅު ފެއްޓެވީ 2012 ވަނަ އަހަރުގައެވެ. އެއީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ ގޮތުގައެވެ. ވަޒީރުކަމަށް ވަޑައިގަތީ، އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެވެރިކަމަށްފަހު ޖެހިގެން އައި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ހަމަޖެއްސެވީ ޑރ.މުޢިއްޒެވެ.

ކެބިނެޓުގައި ހޯއްދެވި އިތުބާރާއި މަސައްކަތްކުރެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއެކު ޑރ.މުޢިއްޒު ވެވަޑައިގަންނަވާފައިވަނީ ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ޙަޔާތުގައި އެންމެ ދިގު މުއްދަތެއްގައި މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެގޮތުގައެވެ.

ޑރ.މުޢިއްޒު ވެވަޑައިގަންނަވާފައިވަނީ ރާއްޖޭގައި ޢުމްރާނީ ގޮތުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ސީދާ މޭސްތިރިއެވެ. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދެވި ސިނަމާލޭ ބްރިޖް މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދަވާފައިވާ އެންމެ ބިޔަ އެއް މަޝްރޫޢެވެ. ނުކުރެވޭނެކަމަށް އެތައް ބަޔަކު ބުނަމުންދިޔަ ބްރިޖްގެ މަސައްކަތް ނިންމަވާލެއްވީ އިތުބާރާއެކު އެދައުރެއްގެ ތެރެއިންނެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއާއި ޓަރމިނަލް ހިމެނޭހެން ފެއްޓެވި 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުއާއި، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކަވާ ތަރައްޤީކުރަން ފެއްޓެވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްޕުޅުތަކެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާ "ކިންގް ސަލްމާން މިސްކިތް" ބިނާކުރެއްވުމާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ ޢިމާރާތުގެ މަޝްރޫޢަކީ ޑރ. މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި ބިޔަ މަޝްރޫޢުތަކެވެ. ޑރ.މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި މަޝްރޫޢުތައް ނިންމެވުމުގައި އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި، މަސައްކަތްކުރެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތައް މުހިއްމު ދައުރެއް އަދާކުރެއްވިކަން އެކުގައި މަސައްކަތްކުރެއްވި ބޭފުޅުން ފާހަގަކުރައްވައެވެ.

ވީރާނާވެފައިވާ ސަލްޓަންޕާކް މުޅިން އާ ފަރުމާއަކަށް ބަދަލުކުރައްވައި ފެހިކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވުމާއި އޭރުގެ ރައީސް ޔާމީންގެ އިރުޝާދާއެކު މާލޭގައި އަލަށް އިންޑަސްޓްރިއަލް ވިލެޖެއް ހައްދަވައި ހަތަރު ހެކްޓަރގެ ބިމެއް އިތުރުކުރައްވައި، ރަށްރަށުގެ ގޮނޑުދޮށްފަދަ ރަސްފަންނެއް މާލޭގައި ހެއްދެވިއެވެ.

ހަމައެއާއެކު ތޮއްޖެހިފައިވާ މާލޭގެ އެކި ސަރަޙައްދުތަކުގައި ހިތްގައިމު އެކި މައިޒާންތައްވެސް ޑރ.މުޢިއްޒުގެ ބެއްލެވުމުގެ ދަށުންވަނީ ތަރައްޤީކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ރަށްރަށުގެ ބަނދަރާއި ކުޅިވަރު ދަނޑުތަކުގެ އިތުރުން އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުއެއްވަނީ ހިންގަވާފައެވެ. ލިބިވަޑައިގަންނަވާފައިވާ ތަޢުލީމާއި ހުނަރާއި ހޯއްދެވި އިތުބާރާއެކު ޑރ. މުޢިއްޒު ވަނީ އޭޝިޔާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭ.އައި.ޑީ.ބީ)އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ގަވަރނަރގެ ހައިސިއްޔަތުންވެސް މަސައްކަތްކުރައްވާފަފައެވެ.

އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތްކުރައްވަމުންގެންދެވިއިރު އެކުގައި މަސައްކަތްކުރެއްވި ބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޑރ.މުޢިއްޒުގެ މަޑުމަތިރިކަމާއި ވަގުތަށް ކަމޭހިތުމުގެ ރިވެތި އަޚްލާޤު ހިމެނެއެވެ. އެމަނިކުފާނުގެ ރިވެތި އަޚްލާޤާއި މިނިސްޓަރުކަމުގައި ކޮށްދެއްވި ޚިދުމަތް ރައްޔިތުން ބަލައިގަތްކަން އެނގިގެންދިޔައީ 2021 ވަނަ އަހަރު، ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓުލީ މީހުންގެ 63 އިންސައްތަ ވޯޓުން ޑރ.މުޢިއްޒުވަނީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤަމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ވޯޓުން މޭޔަރ ހޮވުމަށް ބޭއްވި އިންތިޚާބުން އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓާއި ވާދަކުރައްވާ ބޮޑު އަޣްލަބިއްޔަތަކުންވަނީ ހޮވިވަޑައިގެންނެވިއެވެ.

ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިންތިޚާބަށް ނެރުއްވަން މަސައްކަތްކުރެއްވި ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ޝަރުޢީ މައްސަލަތަކަކާއި ގުޅިގެން އެ ފުރުޞަތު ލިބިވަޑައިނުގަތުމުން، ނަން ހުށައެޅި އިތުރު ދެ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމް/ޕީއެންސީ ސެނެޓުގެ މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވެ.

ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތްޕުޅެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމަނުއްވާފައިވަނީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑެތި އެހެން ހުރިހާ މައްސަލަތަކަށް މަގުފަހިކުރުވާ އެންމެ ބޮޑު ސަބަބެވެ.

އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްޤުގެ ދަށުން، އެމަނިކުފާނުގެ ވެރިކަމެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަޤީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދަށް އޮތް އެންމެ ބޮޑު މަޝްރޫޢުއަކީ ފުށިދިއްގަރު ފަޅުން 1280 ހެކްޓަރު ހިއްކާ، އެތަނުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން ވީދިކުދިކުދިވެފައިވާ ރާއްޖޭގެ އިޖުތިމާޢީ ފޭރާން އިޔާދަކުރައްވާ ތުއްތު ކުދިންނާއި ޒުވާނުންގެ ހިތުގައި ޤައުމަށްޓަކައި އޮތް ލޯބި އިތުރުކޮށް ޤައުމީ ރޫޙު އާލާކުރުމަށް ތަޢުލީމީ މަންހަޖުގެ ތެރެއިން މަސައްކަތްކުރުމަކީ ޚާއްސަ އިސްކަމެއްދެއްވާނެ ދާއިރާއެއްކަމުގައި ޑރ.މުޢިއްޒުވަނީ ކެމްޕޭންގެ ތެރެއިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހަމައެއާއެކު ރާއްޖޭގެ މިނިވަންކަން އިސްކުރައްވާ ދިވެހި ފަސްގަނޑުގައި އެއްވެސް ބޭރުގެ އަސްކަރީ ފަރާތެއް ނެތްކަން ކަށަވަރުކުރައްވާނެކުގެ ޔަގީންކަން ޑރ.މުޢިއްޒުވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ރާއްޖޭގައި އޮތް އިސްލާމީ ވަޙުދަތު ފުޅާކޮށް ދީނީ ލޯބި ރައްޔިތުންގެ ހިތްތަކުގައި ފުޅާކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ތަޢުލީމީ މަންހަޖުގެތެރެއިން ޢަރަބި ޢިލްމަށް ރާއްޖޭގައި ފުރުސަތު ފަހިކޮށްދިނުމަށްވަނީ ނިންމަވާފައެވެ.

ޑރ.މުޢިއްޒުގެ ޒާތީ ދިރިއުޅުއްވުމާއި އެމަނިކުފާނުގެ މިޒާޖުފުޅުގައި ގެންގުޅުއްވާ ސާދާކަމާއި އަދި ޢާއްމުންނަށް ކުރިން ނޭނގޭ ގިނަ ކަންތައްތަކެއްވަނީ މި ފަހަކުން ހާމަވެފައެވެ. އެގޮތުން ޢާއިލީ ގުޅުންތަކަށް ވަގުތު ހުސްކުރައްވަވާ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ލިބިވަޑައިގަންނަވާފައިވާ އަންހެން ދަރިފުޅާއި ދެ ފިރިހެން ދަރިކަލުންނާ އޮންނަ ގާތްގުޅުންވަނީ މީޑިއާއަށް ޢާއްމުވެފައެވެ.

ހަމައެއާއެކު މައިންބަފައިންނާމެދު ބެހެއްޓެވި އޯގާވެރިކަމާއި ޚުލްޤުފުޅުގެހެޔޮކަމަކީ މީގެކުރިން ޢާއްމުންނަށް އެނގޭކަންކަމެއް ނޫނެވެ. މުނިފޫހިފުލިއްވުމުގެ ގޮތުން އަނބިކަނަބަލުންނާއި ޢާއިލާއާއެކު ފިލްމު ބެއްލެވުމުގެ އިތުރުން ޑރ.މުޢިއްޒަކީ ފުޓުބޯޅައަށްވެސް ލޯބިކުރައްވާ ބޭފުޅެކެވެ. ޢާއިލާއަށް ނަމްބަރ ވަން ބޭފުޅަކަށް ވެވަޑައިގެންނެވި ފަދައިން ދުޢާއަކީ ދިވެހި ޤައުމަށްވެސް ނަމްބަރ ވަން ރައީސަކަށް ވެވަޑައިގަތުމެވެ.