ވިޔަފާރި

ސަޢޫދީއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހިރާއްޖެއާއި ސަޢޫދީ ޢަރައްބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވެވި ޙާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދާއިރާގެ މިނިސްޓަރ، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ. ސަޢޫދީ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް، ސުލައިމާން އަލްހަމްދާންއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއަރލައިންތަކަށް ސަޢޫދީ ޢަރައްބިއްޔާގެ ޖިއްދާ، ރިޔާދު އަދި މަދީނާއަށް ހަފްތާއަކު ޖުމްލަ ސާދަ ޕްލައިޓް އޮޕަރޭޓް ކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ދައްމާމަށް ރާއްޖޭގެ އެއަރލައިންތަކުން އިޚްތިޔާރުކުރާ ޢަދަދަކަށް ފްލައިޓް އޮޕަރޭޓްކުރުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސަޢޫދީ ޢަރައްބިއްޔާގެ ޤައުމީ އެއަރލައިން ކަމަށްވާ ސަޢޫދީ ޢަރަބިޔަން އެއަރލައިންގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަޢޫދީ ޢަރަބިޔަން އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުން ފުރައިގެން ސްރީލަންކާގެ ކޮލަމްބޯ މަގުން ރާއްޖެއަށް ހަފުތާއަކު ތިންދުވަހު ދަތުރުކުރާނެއެވެ. އެއީ ހޮނިހިރު، އާދީއްތަ އަދި ބުދަ ދުވަހުކަމަށް ސަޢޫދީ ޢަރަބިޔަން އެއަރލައިނުން މައުލޫމާތުދެއެވެ.