ޚަބަރު

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް 6 ޕްރިންސިޕަލަކަށް


  • ޕްރިންސިޕަލުންގެ ސްކޮލަރޝިޕްގެ ދެވަނަ ބުރުގައި 10 ފުރުޞަތު ހުޅުވާލި

  • 6 ޕްރިންސިޕަލަކަށް ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ

  • ޕްރިންސިޕަލުން ތަމްރީން ކުރަނީ މެލޭޝިޔާއިން

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރިއަށްގެންދަވާ ސްކޮލަރޝިޕްގެ 2 ވަނަ ބުރުގައި ސްކޮލަރޝިޕްގެ ފުރުޞަތު ލިބުނު ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކުރައްވައިފިއެވެ.

ސްކޮލަރޝިޕް ލިބުނު ޕްރިންސިޕަލުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއެވެ.

ފެންވަރު ރަނގަޅު ނާޒިރުން ތަމްރީނު ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލެއްވީ މިދިޔަ ޖޫންމަހުއެވެ. އެބުރުގައި ސްކޮލަރޝިޕްގެ 10 ފުރުސަތު ހުޅުވާލިއެވެ. އަދި މިއަދުވަނީ އެސްކޮލަރޝިޕް ލިބުނު 6 ޕްރިންސިޕަލަކަށް އެކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީންކުރުމުގެ މަސައްކަތުގެ ދަށުން ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރީ މިދިޔަ އަހަރު ތެރޭގައެވެ. މިސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިއާގެ ޔުނިވަރސިޓީއަކުން 17 ޕްރިންސިޕަލަކު ވަނީ މާސްޓާރސް ފެންވަރަށް ތައުލީމް ހާސިލުކޮށް، ސްކޫލްތައް ހިންގުމަށް ހަވާލުވެފައެވެ.

މިސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސެއް އަދި ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައެވެ. ސްކޮލަރޝިޕަށް ހޮވޭ ޕްރިންސިޕަލުން ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.