ފިނޭންސް މިނިސްޓްރިއިން ހުށައެޅުއްވިގޮތަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރައްވާ ކޮމިޓީއިން ފާސްކުރައްވައިފިއެވެ.
މިއަހަރުގެ ދަޢުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގައި އިތުރު މާލީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެ، ފިނޭންސް މިނިޓްރީއިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައެޅުއްވީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ޤާނޫނުގައި ބުނާ ބައެއް ޝަރުތުތައް ފުރިހަމަނުވާތީ، ބަޖެޓު މަޖިލީހުން އަނބުރާ ފޮނުވާލުމަށްފަހު، އެކަންކަން އިސްލާޙުކޮށް އަލުން ހުށައެޅީ އޮކްޓޯބަރު 25 ވަނަ ދުވަހުއެވެ.
ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން، ބަޖެޓުގެ މަސައްކަތްތައް އޮތީ ބަހުސްތައް ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. ނަމަވެސް މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ސަޕްލިމަންޓްރީ ބަޖެޓާއި މެދު މަޝްވަރާކޮށް މިވަނީ، ބަޖެޓު ފާސްކުރުމަށް ވޯޓު ދީފައެވެ.
އެގޮތުން ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން 16 މެންބަރުން ވަނީ ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ދެކޮޅުހެއްދެވީ ޑިމޮކްރަޓްސްގެ މެންބަރުންނެވެ. އިދިކޮޅަށް ވާހަކަދެއްކެވި މެންބަރުން ވަނީ، ސަޕްލިމަންޓްރީ ބަޖެޓުގައި ޚަރަދުތަކުގެ ތަފްޞީލު، އެކަށީގެންވާ މިންވަރަށް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ބަހުސްގައި އެކަށީގެން ވަގުތު ނުލިބޭކަމަށް ވިދާޅުވެފައެވެ.
މި ކޮމިޓީގައި ސަޕްލިމަންޓްރީ ބަޖެޓަށް ތަޢީދުކުރައްވައި، ސަރުކާރު އަދި އިންތިޚާބީ ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވިދާޅުވީ، ބަހުސްއަށް އެކަށީގެން ވަގުތު ނުލިބުނީ، ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ޕާޓީއަކުން ކުރިމަތިކުރުވި ހުރަސްތަކުގެ ސަބަބުންކަމަށެވެ. އަދި އެކި ފަހަރު އެޖެންޑާ ކޮށްގެންވެސް އެ މަސައްކަތް ކުރިއަށްގެންދިއުމަށް ފުރުޞަތު ދީފައި ނުވާކަމަށެވެ.
މި ސަޕްލިމަންޓްރީ ބަޖެޓު ފާސްވެގެން ދިއުމަކީ، މިހާރުގެ އަދި އައު ސަރުކާރަށްވެސް ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި މެންބަރުން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅުއްވީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރި ޚަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ސަޕްލިމަންޓްރީ ބަޖެޓަށް ގެންނެވި އިސްލާހުގައި، ވަނީ މީޑީއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށް ފައިސާ ހިމަނާފައެވެ. އެގޮތުން ރެޖިސްޓްރީކޮށްގެން ހިންގާ ބްރޮޑްކާސްޓް ޚިދުމަތްދޭ ކުންފުނިމ މީޑިއާކަށް ޚާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓު ހިމަނުއްވާ ވަނީ ފާސްކުރައްވާފައެވެ.