ޚަބަރު

ބާރުތައް ދޫކޮށްފައި ނެތުމަކީ ނިޒާމުގެ މައްސަލައެއް ނޫން !


ކައުންސިލްތަކަށް ލިބެންޖެހޭނެކަމަށް ޤަބޫލްކުރާ ހުރިހާ ބާރުތަކެއް ދޫކޮށްފައި ނެތުމަކީ ލާމަރުކަޒީ ނިޒާމް މަސައްކަތްނުކުރުން ނޫންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، މި މަހާސިންތާއިން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރެވުނީ ސަރުކާރުގެ ވުޒާރާތަކުގައި ހުރި ބައެއް ބާރުތައް ކައުންސިލްތަކަށް ދޫނުކުރާ ކަމުގެ ޝަކުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސިޔާސީ ކުޅިތައް އެތުރުފައި ހުންނާނީ ސިޔާސީ މަޝްރަޙު ބައްޓަންވެފައި އޮތް ގޮތަކަށްކަމަށާއި، އިންތިޚާބީ މަޤާމަކަށް ވަޑައިގަންނަވާއިރު އެމީހަކު ބޭނުންވާ ހުރިހާ ކަމެއް ބޭނުންގޮތަކަށް ނުހުންނާނެކަމަށެވެ. އަދި މި ނިޒާމްގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައް ހުރިކަން ޤަބޫލްކުރައްވާ ކަމަށާއި އެކަންތައްތަކާ ބެހޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތް، ބާރު ސްޕީޑްގައި އެންމެ ފުރިހަމަގޮތުގައި ކުރިއަށްދާނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ގުޅިގެންކަމަށާއި އެހެންކަމުން މި މިފަދަ ކަންކަމަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. މިގޮތުން ބައެއް ރަށްރަށުގައި ގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރާއިރު އެރަށުގައި އެކަން ކުރާނެ ބިމާމެދު ގޮތެއް ނުނިންމި ގިނަ ދުވަސްވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތިންދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނާއި ކައުންސިލްތަކުގެ ޒިންމާދާރު އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.