ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް


  • ހުވާކުރުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން އަންނަނީ ތައްޔާރުކުރަމުން

  • ސެކިއުރިޓީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައި

  • މާލޭގެ ބޮޑު ސަރަޙައްދެއްގެ ޓްރެފިކަށް ބަދަލު އަންނާނެ

  • ހުވާކުރުމުގެ ރަސްމިއްޔާތުގައި 4500 އެއްހާ މީހުން ބައިވެރިވާނެ

މާދަމާވެގެން ދަނީ ކުރިއަށް އޮތް ރިޔާސީ 5 އަހަރުގެ ދަޢުރަށް އައު ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ބޮޑު ދުވަހަށެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ފަހުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަންނަނީ ވަރަށް ފުރިހަމައަށް ވަމުންނެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެ ރަސްމިއްޔާތު ކުރިއަށްގެންދެވުމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ހުށައެޅުއްވީ، ވީހާވެސް ގިނަ މީހުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށެވެ.

މި ރަސްމިއްޔާތުގައި ދަޢުވަތު ދެވިގެން 3500 އަށްވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވައެވެ. ބޭރުގެ 40 އަށްވުރެ ގިނަ ޤައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއެވެ. މީގެތެރޭގައި ބައެއް ޤައުމުތަކުގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ މަންދޫބުން މިހާރު ވަނީ ރާއްޖޭ ވަޑައިގަންނަން ފަށްޓަވާފައެވެ.

އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށް، 1000 އާއްމު ރައްޔިތުންނަށްވެސް ރަސްމިއްޔާތު ބަލާލުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.


ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމުތަކާއި، ޖަލްސާ އޮންނަ ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ކުރިއަށްގެންދަވަމުންނެވެ. އިންތިޚާބީ ރައީސް ހުވާ ކުރައްވާ ސްޓޭޖް ތައްޔާރުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިސް ސިފަވާ ހިތްގައިމު ފަރުމާއަކަށެވެ.

ޖުމްހޫރީ މައިދާން އާބާތުރަފިލުވުމާއި، ގޮނޑިޖެހުމާއި އަދި ޓެކްނިކަލް އިންތިޒާމްތަކުގައިވެސް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. މީގެއިތުރުން އިންތިޚާބީ ރައީސްގެ މޮޓޯ ކޭޑްއާއި ރަސްމިއްޔާތުގެ ސެކިއުރިޓީ އިންތިޒާމްތަކުގެ ކަންކަމުގައި ދިވެހި ސިފައިންނާއި ފުލުންގެ ޚިދުމަތުން އަންނަނީ ތައްޔާރުވަމުންނެވެ.

އިންތިޚާބީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:45 ގައެވެ. މި ރަސްމިއްޔާތު ރާއްޖޭގެ މީޑިއާތަކުން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ މީޑިއާތަކުންވެސް މި ރަސްމިއްޔާތު ކަވަރކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައު ސަރުކާރުގެ ކެބިނެޓް ހުވާ ކުރުމާއި، ބައެއް މުހިންމު ހަރަކާތްތައް ހުކުރު ދުވަހުގެ ރޭގަނޑާއި އެކީގައި ކުރިއަށްދާނެއެވެ. މީގެތެރޭގައި އާއްމުންނަށް މި އުފަލުގައި ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތައްވެސް ހިމެނެއެވެ.

މޫސުން ގޯސްވެއްޖެނަމަ، އިންތިޚާބީ ރައީސް ހުވާކުރުމުގެ ޖަލްސާ، ރައްޔިތުންގެ މަޖިލީހަށް ބަދަލުކުރައްވާނެއެވެ.