ވިޔަފާރި

ހުޅުމާލޭ މަގުތަކާއި ޕޭމަންޓްގައި ހުއްދަނެތި ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށް އަންގައިފި


  • ޕޭމަންޓް މަތީގައި ޖަހާފައި ހުރި ގޮނޑިތައް 20 ގެ ކުރިން ނަގަންޖެހޭ

  • ހިޔާ ފްލެޓް 12 ކައިރި ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓުތައް 25 ނޮވެމްބަރގައި ނަގަންޖެހޭ

  • ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެ

ހުޅުމާލޭ މަގުތަކުގެ ޕޭމަންޓްމަތީގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އަންގައިފިއެވެ.

އެޗް.ޑީ.ސީއިން ބުނީ ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭމަންޓް އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރަންޓް އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާއި ޚިލާފަށް ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި އުޞޫލުން ޚިދުމަތްދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން މިގޮތަށް ޤަވައިދާ ޚިލާފަށް ޕޭމަންޓް މަތީގައި ގޮނޑި ޖަހައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ވިޔަފާރި އުޞޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް ނެގުމަށް އެޗް.ޑީ.ސީއިން ވަނީ އަންގާފައެވެ.

މި މުއްދަތުގައި މިތަކެތި ނުނަގާނަމަ މިތަކެތި ނަގައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއިން ކުރާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެ ކޯރޕަރޭޝަނުން ޒިންމާ ނުނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް 12 ކައިރި ބީޗް ސަރަޙައްދައްވާގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތިވެސް 25 ނޮވެމްބަރ ގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި މި މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ މި ސަރަހައްދުވެސް ސާފުކުރާނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.