ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން މާލޭގެ ބޮޑު ސަަރަހައްދެއް ބަންދުކުރާނެ


  • މަޖިލިސް ކުރާގެ ރައީސް އޮފީސް މުލިއާގެ ހިމެނޭ ސަރަހައްދުވެސް ބަންދު

  • 1 ނަމްބަރު ފާލަމުން ފެށިގެން 7 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުވެސް މާދަމާ ބަންދު

  • މިއިން އެއްވެސް ތަނެއްގައި އެއްގަމާ ކަނޑު އުޅަނދު ޕާކް ކުރުން މަނާ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބޮޑު ސަރަޙައްދެއް ބަންދު ކުރުމަށް ހަމަޖެހިފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ފުލުހުން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދު އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ފުލުހުން ވަނީ ރަސްމިއްޔާތާ ގުޅިގެން ބަންދުވާނެ ސަރަހައްދުގެ ފްލޯ ޗާޓެއް އާންމުކޮށްފައެވެ.

ރަސްމިއްޔާތާ ގުޅިގެން ބޮޑުތަކުރުފާނު މަގުން ބަންދު ކުރާނީ ލޯކަލް މާރުކޭޓުން ފެށިގެން ދެކުނަށް މާގިރި ހޮޓަލާ ހަމައަށެވެ. މީގެއިތުރުން ރައްޔިތުގެ މަޖިލިސް ހިމެނޭ ސަރަހައްދާއި، ރައީސް އޮފީހާއި، މުލިއާގެ ހިމެނޭ ސަރައްދުގެ ބައެއް މަގުތައްވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރަޙައްދުގައި އެއްގަމު އުޅަނދު ޕާކް ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ޕާކް ކުރުން މަނާކޮށްފައިވަނީ މިއަދުގެ 18:00 އިން ފެށިގެން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 15:00 އާއި ހަމައަށެވެ.

މި ރަސްމިއްޔާތާއި ގުޅިގެން 1 ނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދުންވެސް ބޮޑު ބައެއް ބަންދުކުރާނެއެވެ. އެގޮތުން 1 ނަމްބަރު ފާލަމުން ފެށިގެން 7 ނަމްބަރު ފާލަމަށް ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި ސަރަޙައްދަށް ވަދެ ނުކުމެ ހެދުން ބަނދު ކުރާނީ މިރޭ 00:00 އިން ފެށިގެން 18 ވަނަ ދުވަހުގެ 15:00 އާއި ހަމައަށެވެ.

މި ދުވަހުގެ ޓްރެފިކް ފްލޯއާއި އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަޙައްދު ބަންދު ކުރުމުން މާލޭގެ އެތެރޭގެ ޓްރެފިކް ބާރު ބޮޑުވާނެކަމަށެވެ.

"ހުވާ ކުރުމުގެ ރަސްމިޔާތާ ގުޅިގެން ބަންދު ކުރާނީ މާލޭގެ ބައެއް ސަރަހަދުތައް، ވަކިން ހާއްސަކޮށް ޖުމްޙޫރީމައިދާން ހިމެނޭ ސަރަހައްދު، އެސަރަހައްދުގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގާ ނުވަދެވޭހެން ބައެއް ސަރަހައްދުތައް މިހާރު ވާނީ ބަންދުކޮށްފައި" ހުސެއިން ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެ ސަރަހައްދުގައި ކެފޭ ރެސްޓޯރަންޓް އަދި އާންމު ވިޔަފާރިތައްވެސް މާދަމާ ރަސްމިއްޔާތު އޮންނަ ވަގުތުގައި ބަންދު ކުރުމަށް އެފަރާތްތަކަށް އަންގާފައިވާނެކަމަށެވެ.

އާންމުކޮށް މިފަދަ ބޮޑެތި ހަފްލާތައް ބާއްވާ ދުވަސްތަކުގައި އެ ސަރަހައްދެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިފަދަ ކަންކަން ކުރަމުން އަންނަ އުޞޫލުން މި ސަރަހައްދަށްވެސް އާންމުން ވަދެ ނުކުމެ ހެދުން މަނާވާ ހިސާބުން ވިޔަފާރިތައްވެސް ބަންދުކުރުމަށް އަންގާފައިވާނެކަމަށް ސަމީރު ވިދާޅުވިއެވެ. އަދި މިކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުވާ ކުރުމަށް މި ސަރަހައްދު ބަންދު ކުރުމުން މާލޭގެ އެތެރޭގެ ޓްރެފިކް ބާރު ބޮޑުވެގެންދާނެކަމަށާއި، އެކަމުގައި ދިމާވާނެ އެންމެހާ ދަތިކަންކަމަށް ކެތްތެރިވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

"މާލެ ސަރަހައްދުގެ ޓްރެފިކް ބާރު ބޮޑުވެދާނެ.. ފުލުހުން މުޅި މާލޭގައި މިކަމަށް ލުއި ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާނެ.. އެކަމުގައި އާންމުންގެ އެހީތެރިކަން ދަނީ ލިބެމުން އަދި ކުރިއަށް މިއޮތް ދެ ދުވަހުވެސް ލިބޭނެކަމަށް އުންމީދުކުރަން." ހުސެއިން ސަމީރު ވިދާޅުވިއެވެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭރު ޤައުމުތަކުގެ ރައީސުންނާއި، މަންދޫބުން އަދި ސަފީރުން ވަޑައިގަންނަވާތީ އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. މި ސަރަހައްދަށް މާދަމާ މެންދުރު 13:30 ގެ ފަހުން ވަދެވޭނީ ދައުވަތު އެރުވާފައި ފަރާތްތަކަށް އެކަންޏެވެ.