ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ ސިފައިން ބޭރު ކުރުމުމުގެ މުހިންމު ވައުދުފުޅެވެ. ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ތުޙުމަތުކޮށް ރިޔާސީ އިންތިޚާބު ތެރޭގައި އެމަނިކުފާނު ތަކުރާރުކޮށްދިޔައީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުން އައީ އެކަން ދޮގު ކުރަމުންނެވެ.
މިހާތަނަށް އައިއިރު ބޭރު ޤައުމުގެ ސިފައިން ކޮންމެވެސް ސިފައެއްގައި ރާއްޖޭގައި ތިބިކަން ކަށަވަރުވެފައި ވާއިރު އެމީހުން ބޭލުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. ޑރ. މުޢިއްޒު ފުރަތަމަ 14 ހަފްތާގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ މަގުޗާޓުގައި އެންމެ ބޮޑު އިސްކަމެއްދެއްވާފައިވަނީވެސް ޤައުމުގެ އިސްޤުލާލާއި ގުޅުންހުރި މިފަދަ މައްސަލަތަކެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ހުރިހާ ޕޯޑިއަމްތަަކެއްގައި ބަދަލުވުމެއްނެތް ގޮތެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކެކެވެ.
ޑރ. މުއިއްޒުގެ ޤައުމީ ސިޔާދަތާ ގުޅުވައިގެން ވެވަޑައިގެންނެވި އަނެއް ވައުދުފުޅަކީ ބޭރުގެ ބައެއް ޤައުމުތަކާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ޤައުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ހުރިނަމަ އެކަމެއް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވުމަށް ވެވަޑައިގެންވި ވައުދުފުޅެވެ. ވެރިކަމާއި ހަވާލުވެވަޑައިގަންނަވާތާ 4 ހަފްތާތެރޭ އެކަން ހާމަކުރައްވާނެކަމަށް ޑރ. މުޢިއްޒުގެ "ހަފްތާ 14 މަގުޗާޓު" ގައި ވަނީ ހިމަނުއްވާފައެވެ.
އުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތީ ބޯހިޔާވަހިކަމަށެވެ. ބޯހިޔާވަހިކަމުގެ މި ބޮޑު މައްސަލައަށް ޓޯޓަލް ސޮލިއުޝަނެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މިއީ ޢުމްރާނީ އިޖްތިމާޢީ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުފުޅެވެ. އެކަން ޙާޞިލުކުރުމަށް މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގައި އެންމެ ބޮޑަށް މިކަމަށް ބޭނުންޖެހިފައި އޮތް ރަށްރަށުގައި އެ މަސައްކަތް ފެށުމަށް ވަނީ ހިމަނުއްވާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލުމަކީ އަތޮޅުތަކުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހިންގަވާނެ އެންމެ ބިޔަ ބޮޑު މަޝްރޫއުއެވެ. މި ބްރިޖްގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ބަޖެޓްގައި ހިމަނުއްވާފައެވެ. މީގެ އިތުރުން ތިނަދޫ ސިޓީއާއި، ކާޑެއްދޫ ބްރިޖުން ގުޅާލުމަކީވެސް އެމަނިކުފާނުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ހަކަތައިގެ މައްޗަށް، ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި، ބަރޯސާކުރުމަށް ޤައުމީ ފެންވަރުގައި އަމާޒުހިފުން، އަދި އެކަމަށް އެކަށޭނަ ދައުރުވާ ފަންޑެއް ޤާއިމުކުރެއްވުމަކީ ތިމާވެށީގެ ދާއިރާއިން އައު ސަރުކާރުން ކުރައްވާނެ މުހިންމު އަދި ދެމެހެއްޓެނިވި މަސައްކަތެކެވެ.
އިޤްތިޞާދީ ދާއިރާއިން އިންޤިލާބީ ބަދަލެއް ގެނައުމަށް އައު ސަރުކާރުން ކުރައްވާނެ އެންމެ މުހިންމު އެއް މަސައްތަކީ ރާއްޖޭގެ ދެކުނުގައި ފަތުރުވެރިކަން ތަޢާރަފްކޮށް ވައިގެ މަގުން ދަތުރު ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވުމެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ޤާއިމުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގެވުމަކީވެސް ރިޔާސީ މުހިންމު ވައުދުފުޅެކެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރަށް ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަރުވަން ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރެއްވުމަކީ މި 5 އަހަރު ޑރ. މުޙައްމަދު މުޢިއްޒު އަމާޒު ހިއްޕަވާފައިވާކަމެކެވެ. ހަމައެހެންމެ ޑޮލަރުގެ ދަތިކަން ޙައްލުކޮށް، ޑޮލަރުގެ ކަޅު ބާޒާރު ކުޑަކޮށް ފަސޭހައިން ދައުލަތުން ކަޑައަޅާފައިވާ މިންގަނޑުގެ ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީވެސް އެމަނިކުފާނުގެ ވައުދުފުޅެކެވެ.
ދުސްތޫރީ، ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ ސަރުކާރުގައި ކުރުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައިވެސް ޝަރުއީ ދާއިރާ އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު ބައިނަލަޤްވާމީ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުމާ އެންމެ ރަނގަޅު ފެންވަރުގެ ބޭސްތައް ރާއްޖެއިން ޢާންމުކޮށް ލިބޭނެ މަގުތަނަވަސް ކޮށްދިނުމަކީ ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ އެއް މުހިންމު ވައުދުފުޅެވެ. އަދި އާސަންދައިގެ ދަށުން ކޮންމެ 2 އަހަރަކުން އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ތަޢާރަފުކުރުމާ، ރޭޑިއޭޝަން ތެރަޕީ ހިމެނޭގޮތަށް، ޓިއުމަރާ ގުޅޭ ބަލިތައް (އޮންކޮލޮޖީ) ގެ ފަރުވާ ރާއްޖޭގައި ފުޅާކޮށް މާބަނޑު މީހުންނާއި ކުޑަކުދީންނަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުން ހިމެނެއެވެ.
ކުޅިވަރުގެ ދާއިރާއާ ޒުވާނުން ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އެމަނިކުފާނުވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދެވޭނެ މަގުފަހިކޮށްދީ ޤައުމީވަންތަ ޒުވާނުންތަކެއް މުޖުތަމައުއަށް ނެރެދެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.