ޚަބަރު

މަޖިލީހުގެ ހައިބަތު ހިފެހެއްޓުމަށް މެންބަރުންގެ ސުލޫކީ ޤަވާއިދެއް އެކުލަވާލަނީ


  • މިގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރީގެ ދަޢުރުގައިވެސް ކުރިއަށް ގެންދިޔަކަމަށް

  • 19ވަނަ މަޖިލީހުގައި އެ މަސައްކަތް އޮތީ ހުއްޓިފައިކަމަށް

  • މިއީ މަޖިލީހުގެ ނިޒާމު ނުގެއްލި، ކުރިއަށްގެންދިއުމަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވި

މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްޓަން "މަޖިލިސް މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ޤަވައިދު" އެކުލަވާލުމުގެ މަސައްކަތްތައް އަލުން ފަށްޓަވާނެކަމަށް މަޖިލީހުގެ އައު ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ، ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން، މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވާލަން ޖެހެއެވެ. މި ގަވައިދު އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ބައެއް ދަޢުރުތަކުގައި ކުރިއަށްގެންދިޔަކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ 19ވަނަ މަޖިލީހުގައި އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައިކަމަށެވެ.

އެހެންކަމުން އެ ޤަވައިދު އެކުލަވާލާ، ޤާނުނު ބުނާގޮތަށް ޢަމަލުކުރަން ކުރަންޖެހޭ މަސައްކަތްތައް އަލުން ފެއްޓެވުމަށް މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތު ނިންމަވާފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވިއެވެ. މިއީ މަޖިލީހުގެ ނިޒާމު ނުގެއްލި، މަސައްކަތްތައް ކުރިއަށްގެންދިއުމަން އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވިއެވެ.

"މަޖިލީސްތަކުގައި މެންބަރުން ޢަމަލު ކުރާނެ ސުލޫކީ ޤަވައިދު އެކުލަވާލުމުގެ މަސައްކަތްތައް ކުރިން ކުރިއަށްގެންދިޔަ. ނަމަވެސް 19ވަނަ މަޖިލީހުގައި އެ މަސައްކަތް ކުރިއަކަށް ނުގެންދޭ. އެހެންވީމަ މެންބަރުން ތަބާވާނެ ސުލޫކީ ޤަވައިދުގެ މަސައްކަތްކޮށް، މެންބަރުންގެ އެއްބާރުލުމާއެކު ފާސްކުރަން އަލުން މަސައްކަތް ފަށާނަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ހައިބަތާ ޤަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ މަސްޢޫލިއްޔަތުކަމަށެވެ. ބައެއް މެންބަރުން ދެކެނީ މަޖިލީހަކީ ސިޔާސީ މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެކަން އޮތީ އެގޮތަށް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެއީ ޤާނުނު ހެދުމާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށް މުހިންމު މައްސަކަތްތައް ކުރާ ތަނެއްކަމަށާއި، މަޖިލީހުގެ މަސައްކަތްތައް އެމަގުން ގެންދިއުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މެންބަރުންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ގޮވާލާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، މަޖިލީގުގެ ޤަވައިދާއި، ހުރުމަތާއި، ގަދަރު ހިފެހެއްޓުމުގައި މަޖިލިސް ރައީސްގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެކަމަށެވެ. އަދި ޤަވައިދަށް އުނިކަމެއް އަންނަފަދަ ކަމެއް ފާހަގަކުރެއްވިއްޖެނަމަ، ހުއްޓުވަންޖެހޭ ކަންކަން ހުއްޓުވުމުގައި މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޒިންމާ އަދާކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނާއި އެހެނިހެން ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިދާރީ މޭޒާއި ހަވާލުކޮށްފައިވާ ޒިންމާވެސް ފުރިހަމައަށް އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.