ކުޅިވަރު

ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ ސަމްބޯ މުބާރާތުން ރާއްޖެއަށް ރިހި މެޑަލް


ބަންގްލަދޭޝްގައި ބޭއްވި ދެވަނަ ބަންގަބަންދު ސައުތު އޭޝިއަން ސަމްބޯ ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ސިނާން އަޙްމަދު ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ރާއްޖޭގެ ސިނާން ރިހި މެޑަލް ހޯދީ ސްޕޯޓްސް ސަމްބޯ 79 ކިލޯގްރާމް ވެއިޓް ކެޓެގަރީންނެވެ. މި ކެޓެގަރީން އެއްވަނަ ހޯދާފައިވަނީ އިންޑިއާ އިންނެވެ. އަދި ލޯ މެޑަލް ލިބުނީ އިންޑިއާ އާއި ބަންގްލަދޭޝްއަށެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝާހިދު ތާޖުއްދީން އަޙްމަދު އިންޑޯ ސްޓޭޑިއަމުގައި ބޭއްވި މި މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމު ވަނީ ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި، ސްރީ ލަންކާ އާއި، ނޭޕާލާއި، ޕާކިސްތާން އަދި މުބާރާތް ބޭއްވި ބަންގްލަދޭޝްއެވެ.

މި މުބާރާތަކީ ސަމްބޯ ޔޫނިއަން އޮފް އޭޝިއާ އެންޑް އޯޝޭނިއާ އާއި ބަންގްލަދޭޝްގެ ސަމްބޯ އެސޯސިއޭޝަން ގުޅިގެން ބޭއްވި މުބާރާތެކެވެ. އަނެއްކޮޅުން މިއީ ސަމްބޯގެ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ.

އޮލިމްޕިކް ކުޅިވަރަކަށް އަދި ނުވި ނަމަވެސް ސަމްބޯ އަކީ ހަލުވިކަމާއެކު މުޅި ދުނިޔޭގައި މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. ރަޝިޔާއިން އުފަންވި މި ކުޅިވަރަކީ މާޝަލް އާޓްސްގެ ވައްތަރެކެވެ. އަދި ވޯލްޑް ރެސްލިން ޗެމްޕިއަންޝިޕުންވެސް ފާހަގަކުރާ ކުޅިވަރެކެވެ.

މި ކުޅިވަރުގެ މަޤްބޫލުކަމާއެކު 2028 ގެ އޮލިމްޕިކްސްގައި ހިމެނުމަށް ވަނީ ނިންމާފައެވެ.