ޚަބަރު

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޖީއެސްޓީ އައު ޤާނޫނެއް


  • ޓެކުހުގެ އައު ޤާނޫނެއް ތަޢާރަފްކުރާކަން މިނިސްޓަރ އިއުލާންކުރެއްވީ މަޖިލީހުގައި

  • މީޑިއަމް-ޓަރމް ރެވެނިއު ސްޓްރެޓެޖީ"އެއް ވަނީ ޑްރާފްޓްކޮށްފައި

  • އަލަށް ބައެއް ތެކްސް ތަޢާރަފްކުރާނެ

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީގެ އައު ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ ނިސްބަތުން ހުންނަ މިންވަރު މަތިކުރަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ދެމެހެއްޓެނިވިކަމަށް މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ. މިކަމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސުން މިހާރުވަނީ އައި.އެމް.އެފްގެ ފަންނީ އެހީތެރިކަމާއެކު "މީޑިއަމް-ޓަރމް ރެވެނިއު ސްޓްރެޓެޖީ" އެއް ޑްރާފްޓްކޮށްފައިކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ސްޓްރެޓެޖީގެ އަމާޒެއްގެ ގޮތުގައި ހުށަހަޅަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ޖީ.ޑީ.ޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 35 އިންސައްތައަށް ޖެއްސުމެވެ. އާމްދަނީ އިތުރުކުރުމުގެ ބޭނުމަކީ މުސްތަޤްބަލުގައި ދައުލަތުން ކުރަން ޖެހޭނެކަމަށް ލަފާކުރެވޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމާއި ފިސްކަލް ދެމެހެއްޓިނިވިކަން ކަށަވަރުކުރުމެވެ.

މިނިސްޓަރ ވިދާޅުވީ، "މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީ"ގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް، އައު ޖީ.އެސް.ޓީ ޤާނޫނެއް ފަރުމާކުރުންވަނީ މުހިންމު ކަމެއްގެގޮތުގައި ފާހަގަކޮށްފައިވާކަމަށެވެ. މި ޤާނޫނު މިހާރުވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ޑްރާފްޓްކޮށްފައިކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ޤާނޫނުގެ މައިގަނޑު އެއް ބޭނުމަކީ ޖީ.އެސް.ޓީ ނެގޭ އަސާސް "އޮރިޖިން ޕްރިންސިޕްލް" އިން "ޑެސްޓިނޭޝަން ޕްރިންސިޕްލް" އަށް ބަދަލުކުރުމެވެ. މި ބަދަލާއެކު، ޑިޖިޓަލް ޒަރީއާއިން ފޯރުކޮށްދޭ، ރާއްޖޭގައި ބޭނުންކުރާ މުދަލާ ޚިދުމަތަށްވެސް ޓެކްސްކުރުމުގެ ބާރު ރާއްޖެއަށް ލިބިގެންދާނެއެވެ.

މިނިސްޓަރ ވިދާޅުވީ "މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީ"ގައި ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އާއި ކަސްޓަމްސްގެ "ޓެކްސް އެންފޯސްމަންޓް" ފިޔަވަޅުތައް ހިމެނޭހެން ޓެކުހާގުޅޭ އިދާރީ ފިޔަވަޅުތައް ހަރުދަނާކުރުންކަމަށެވެ. އަދި ތިންވަނަ ކަމަކަށް، "އެކްސައިޒް ޓެކްސް" ނިޒާމެއް ތަޢާރަފްކުރުން މުހިއްމުކަންވެސް ފާހަގަކޮށްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު "އެކްސައިޒް ޑިއުޓީ" އަކީ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ކަންތައްތަކެވެ.

ނަމަވެސް، ރާއްޖޭގައި އެފަދަ މުދަލެއް އުފައްދައި ބޭނުންކުރާނަމަ، އެ އިމްޕޯޓް ޑިއުޓީން ސަލާމަތްވެ، ޓެކްސް ކުރާނެ ގޮތެއް ނޯވެއެވެ. އެހެންކަމުން، ސިއްޙަތާ ތިމާވެއްޓަށް ގެއްލުން ހުރި މުދާ، ރާއްޖޭގައި އުފެއްދިނަމަވެސް، ޓެކްސް ނިޒާމު މެދުވެރިކޮށް، އެފަދަ މުދަލާއި ޚިދުމަތް ބޭނުންކުރުން ޑިސްކަރޭޖްކުރުމަށް "އެކްސައިޒް ޓެކްސް" ނިޒާމެއްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

ހަތަރުވަނަ ކަމަކަށް، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ލިބޭނެ "ޕްރޮޕަޓީ" ޓެކުހެއް ތައާރަފުކުރުންވެސް ހިމެނެއެވެ.

މި ބަދަލުތަކަކީ އާމްދަނީ އިތުރުކުރުމަށް މުހިއްމު ކަންތައްތައްކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސްޓްރެޓެޖީއަކީ އާމްދަނީއަށް ގެންނާނެ ބަދަލުތައް ދުރާލާ ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި މުހިއްމު، ބޭނުންތެރި ބަޔާނެއް ކަމަށާއި އުއްމީދަކީ އަންނަ އަހަރު މި ސްޓްރެޓެޖީ އާންމުކޮށް ޝާއިޢު ކުރެވިގެން ދިއުންކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.