ޚަބަރު

ސްކޭމް ކޯލުތަކުގެ މައްސަލަ ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދެއް ނެރެފި


  • މި އިރުޝާދާއެކު މިފަދަ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކުރެވޭނެ

  • ހުރިހާ ތަޙްޤީޤީ އިދާރާތަކަށް މި އިރުޝާދު ވަނީ ފޮނުއްވާފައި

  • ސްކޭމް ކޯލްތަކުން މީހުން އަތުން ފައިސާ ނަގާ މައްސަލަ ރާއްޖޭގައިވެސް ބޮޑު

ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވީ އުޞޫލުތަކާބެހޭ އިރުޝާދެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މިފަދަ އިރުޝާދެއް ނެރުއްވާފައި މިވަނީ މިފަދަ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާތީކަމަށެވެ.

މި އިރުޝާދު ނެރުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާ "ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ" (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލުކުރުމަށް ބާރު އެޅުމަށާއި، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައިކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ވަނީ މި އިރުޝާދު ހުރިހާ ތަޙްޤީޤީ އިދާރާތަކަށް ފޮނުއްވާފައެވެ.

މި އިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް ކުރަމުންދާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ދަތިވާނެކަން ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ.