ޚަބަރު

ސަރުކާރު ބަޖެޓަށް ބަރޯސާވާން ނުޖެހޭވަރަށް ކައުންސިލްތައް ބާރުވެރިކުރުވާނަން: އާދަމް ޝަރީފް


  • ކައުންސިލްތަކަށް ޚާއްސަ ވުޒާރާއެއް އުފެއްދެވުމަށް އައު ރައީސް ވަނީ ނިންމަވާފައި

  • ރަށުގެ މުހިންމު ނިންމުންތައް ނިންމުމުގެ ބާރު ކައުންސިލަށް ދޭނެކަމަށް

  • ކައުންސިލްތައް ހަރުދަނާކުރަން އުސޫލުތަކަށް ބައެއް ބަދަލު ގެންނާނެ

އައު ސަރުކާރުގެ ޢަމާޒަކަށް ވާނީ ކައުންސިލްތަކަކީ ސަރުކާރުން ދޭ ބަޖެޓަށް ބަރޯސާނުވެ، އަމިއްލައަށް މަސައްކަތްކޮށް ރަށަށް އާމްދަނީ ވޭއްދޭނެ ބާރުވެރި ކައުންސިލްތަކަށް ހެދުކަމަށް މަޑުއްވަރީ ދާއީރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާގެ ވެރިކަމުގައި، ލާމަރުކަޒީ ނިޒާމު ހިންގުމަށް ޚާއްސަ ވުޒާރާއެއް އެކުލާވާލައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއީ ކައުންސިލްތަކަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، މިހާރަށްވުރެ ޒިންމާދާރުކަމާއެކު، މަސައްކަތްކުރާ ތަނަކަށް ހެދުމަށް ނިންމެވި ނިންމެވުމެއްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެރާއްޖެ" ކަވަރޭޖުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދޫކޮށްލުމަށް ވަރަށް ގިނަ ބަދަލުތަކެއް ނިޒާމަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި، ކައުންސިލްތަކުގެ ނިންމުންތަކުގައި މައި ސަރުކާރަށް ބަރޯސާވުން މިހާރަށްވުރެ ބޮޑުތަނުން ލުއިފަސޭހަވާންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުގެ މަސައްކަތްތައް މިހާރަށްވުރެ ލުއިފަސޭހަކޮށް ގެންދެވޭނެ ގޮތެއް ހޯދުމަށް، ލާމަރުކަޒީ ޤާނޫނާއި، ޢުސޫލުތަކަށް ބަދަލު ގެންނަންޖެހޭކަމަށެވެ. ޚާއްސަކޮށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި، ރައްޔިތުންނާއި ކައުންސިލްގެ ނިންމުންތައް ހިމަނާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ލުއިފަސޭހަކޮށްދޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ދޭ ބަޖެޓާއިއެކުއެކީގައި، އެންމެ މުހިންމު މަސައްކަތަކީ ކައުންސިލްތަކުން ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ހިންގާ މިންވަރު އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހޯދައިދިނުންކަމަށެވެ. އައު ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގައި، ކޮންމެ ރަށަކީވެސް އިޤްތިޞާދީ ގޮތުން ފުދުންތެރި، އާމްދަނީ ވަންނަ ރަށަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ތެރެއިން ކަންކަން ނުކުރެވިގެން ކައުންސިލްގެ މަސައްކަތްތައް ލަސްވާ ލަސްވުމަށް ޙައްލުގެނެސްދޭނަން. ބޭނުންވަނީ ރަށްތަކީ ފުދުންތެރި ރަށްތަކަކަށް ހެދުން. ސަރުކާރުން ދޭ ބަޖެޓަށް ހަމައެކަނި ބަރޯސާ ނުވެ، އަމިއްލަ ފުދުންތެރި މަސައްކަތްތެރި ރަށްތަކަކަށް ހެދުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްގެ ބެލެނިވެރި ފަރާތެއްގެ ގޮތުން ވުޒާރާއެއް މުހިންމުވަނީ، ކައުންސިލްތަކުގެ ދަޢުރު ފުރިހަމައަށް އަދާކުރަމުންދޭތޯ ކަށަވަރުކުރުންކަމަށެވެ. އަދި އެ ޔަގީންކަން ރަށްޔިތުންނަށް ހޯދައިދީ، ކައުންސިލްތަކުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހަމައަށް ފޯރުކޯށްދިނުމުގައި އެހީވުންކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.