ޚަބަރު

މޯލްޑިވިއަންގެ ފްލައިޓަކާއި ކާގޯ ވެހިކަލެއް ޖެހި އެކްސިޑެންޓުވެ، އެކަކު ޒަޚަމްވެއްޖެ


  • ޒަޚަމްވެފައިވަނީ ކާގޯ ވެހިކަލް ދުއްވަން އިން މުވައްޒަފު

  • އޭނާއަށް ފުވައްމުލަކު އައިސީޔޫގައި އަންނަނީ ފަރުވާދެމުން

  • އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

ފުވައްމުލަކު އެއަރޕޯޓު ރަންވޭ މަތީގައި އޮތް މޯލްޑިވިއަންގެ ފްލައިޓަކާއި ކާގޯ އުފުލާ ވެހިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ޒަޚަމްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:34 ހާއިރުކަމަށެވެ. މި ޙާދިސާގައި ޒަޚަމްވެފައިވަނީ ކާގޯ ވެހިކަލް ދުއްވަން އިން 24 އަހަރުގެ ފިރިހެނަކަށެވެ.

އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި އައި.ސީ.ޔޫގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާގައި އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ފުވައްމުލައް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އޭނާގެ ބަނޑުކަފައިގެންގޮސް އެތެރެއަށް ލޭ އެޅިފައިވާކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލޭ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި ޙާދިސާގައި ކާގޯ ވެހިކަލަށާއި ފްލައިޓަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.