ޚަބަރު

3 ވަނަ ކުއާޓަރުގައި އެމްއައިބީއަށް 123.55 މިލިއަން ރުފިޔާގެ އާމްދަނީއެއް


  • މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނީ 110.24 މިލިއަން ރުފިޔާ

  • މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނީ 84.11 މިލިއަން ރުފިޔާ

  • ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައިވަނީ 53.14 މިލިއަން ރުފިޔާ ލިބިފައި

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 123.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މި އަދަދަކީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނު 110.24 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 12.07 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނު 84.11 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 46.8 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއަައިބީން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން ހިންގުމުގެ ޙަރަދުތައް ހުރީ 53.97 މިލިއަން ރުފިޔާގައެވެ. މި އަދަދު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުރީ 53.75 މިލިއަން ރުފިޔާގައެވެ.

އެމްއައިބީއަށް ލިބުނު އާމްދަނީ އިތުރުވުމާއެކު 3 ވަނަ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައިވަނީ 53.14 މިލިއަން ރުފިޔާ ލިބިފައެވެ. މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިިބިފައިވަނީ 40.20 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއައިބީއަށް ލިބިފައިވާ ސާފު ފައިދާގެ މިންވަރަކީ އަހަރުން އަހަރަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ މާލީ ރިޕޯޓުގައިވާގޮތުން ސާފު ފައިދާގެ މިންވަރުވަނީ 44.14 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގުގައި ލިބިފައިވަނީ 36.86 މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖޭގައި ޝަރީއާގެ އުސޫލުން ހިންގާ ފުރަތަމަ ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކު ރަސްމީކޮށް ހުޅުވީ 7 މާރޗް 2011 ގައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަކީ ދިވެހި ސަރުކާރާއި، އިސްލާމިކް ކޯރޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ބައިވެރިވެގެން އުފެއްދި ބެންކެކެވެ. އެމްއައިބީ އުފެއްދުމަށް ދިވެހި ސަރުކާރުން %15 ހިއްސާ އަދި އައި.ސީ.ޑީގެ %85 ހިއްސާގެ އިންވެސްޓްމަންޓެއް ކުރިއެވެ. އެ ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019ވަނަ އަހަރުއެވެ.

އެމްއައިބީން ހިއްސާ ގަތް މީހުންގެ ތެރެއިން 99 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ފަރާތްތަކެވެ. އެއީ ޖުމްލަ 16084 ހިއްސާދާރުންނެވެ. އަދި ބަކީ ބައި ހިއްސާކުރަނީ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކެވެ. އެއީ ޖުމްލަ 60 ހިއްސާދާރުންނެވެ.