ޚަބަރު

އެންމަޑި އާލާކުރަން ބ.އަތޮޅުގެ ދެ ސަރަޙައްދެއް ހިމާޔަތްކޮށްފި


  • ހިމާޔަތްކޮށްފައިވަނީ ނެލިވަރާއި ހުރާފަރު

  • އެ ސަރަޙައްދުތަކުގައި ކުރުން މަނާކަންތައްތައް ވަނީ ގެޒެޓްކޮށްފައި

  • ވަކި އުޞޫލެއްގެ ދަށުން ފަތުރުވެރިންނާއި އާންމުންނަށް މިތަންތަނަށް ދެވޭނެ

އެންމަޑީގެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅު ނެލިވަރާއި ހުރާފަރަކީ ހިމާޔަަތްކޮށްފައިވާ ސަރަހައްދެއް ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖުން ހަމަޖައްސަވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އުޅޭ ތަނަށް ވުމުން ނެލިވަރާއި ހުރާފަރު ހިމާޔަތްކޮށްފައިވަނީ އެ ތަކެތި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައިކަމަށެވެ.

ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ. މިގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް 119 ފަހަރު 105 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު، އެއީ އެންމަޑި އާލާވުމާއި ވިހެއުށް މުހިންމު ސަރަހައްދެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ހިސާބުގެ އެންމެ ހާއްސަ ސިފައަކަށް ފާހަގަކޮށްލެވޭ ކަމަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންވާ 'ކްލީނިން ޝްޓޭޝަނެއް' ހުންނައިރު ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނިގެ މުހިންމު މާހައުލަކަށްވުމެވެ.

ނެލިވަރު ސަރަހައްދުގެ އިތުރުން ހިމާޔަތްކުރި ހުރާފަރު ސަރަހައްދަކީ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 436 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު ހުރާފަރު ފިނޮޅަކީ ވެސް އައިންމަތީ ދޫނީގެ މާހައުލެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހިމާޔާތްކޮށްފައިވާ މި ދެ ސަރަޙައްދުގައި ކުރުން މަނާކަންތައްތައްވެސް އާންމުކުރައްވާފައެވެ. އެގޮތުން އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި، ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމާއި، އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރގެ މަސައްކަތްފަދަ ކަންކަން ކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރެވޭނެއެވެ. އަދި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތްވެސް ކަނޑައަޅާފައިވާ އުޞޫލްގެ މަތިން ކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ބ.އަތޮޅުގައި އެންމަޑި އަރާ އެތައް ސަރަހައްދެއް ވެއެވެ. އެންމަޑި ޢާންމުކޮށް ފަތުރުވެރިން ބަލައިއުޅޭ 5 ސަރަހައްދެއް ބ.އަތޮޅުގައި އޮވެއެވެ. މީގެތެރޭގައި ހަނިފަރުބޭ އެކޭ އެއްވަރަށް އެންމަޑިއާއި ފެހުރިހި އަރާ ސަރަހައްދުތައް މިއަތޮޅުގައި ވެއެވެ. އަދި ދޮންފަނުގެ ހުޅަނގުން އޮންނަ އަނގަފަރާއި މާނޭގާ ފަރަކީވެސް އެންމަޑި އަރާ ސަރަހައްދެކެެވެ.