ޚަބަރު

ވެރިކަން ކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން، އަބަދުވެސް ހުންނާނީ ރައްޔިތުންގެ ފަޅީގައި: ޑރ. މުޢިއްޒު


  • ރައްޔިތުންގެ އުންމީދުތައް ހާސިލްކުރެވޭނީ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއިއެކު، ވެރިކަން ކޮށްގެން

  • ކޮންމެ ސަރުކާރެއް ވާންޖެހޭނީ ދެ ފުށްފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށްކަމަށް

  • އެންމެ އިސްކަމެއް ދޭނީ ފުށި ދިއްގަރު ފަޅުގެ މަސައްކަތަށްކަމަށް

  • ވީއައިއޭ ނިންމުމަށް ޚައްޞަ އަހަމިއްޔަތެއް ދެއްވާނެކަމަށް

ރައްޔިތުންގެ އުންމީދުތައް ހާސިލްކުރެވޭނީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމުން ގެނެސްދޭ ދިވެހީންގެރާއްޖެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ވެރިއަކުވެސް ވެރިކަމާއި، ޙަވާލުވަނީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުމުގެ އުންމީދުގައި ކަމަށެވެ. މި އުންމީދުތައް ހާސިލްވާނީ، ރައޔްިތުންގެ އަޑު އަހާ، ރައްޔިތުންގެ ފަޅީގައި ހުރެ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، ރައްޔިތުން އެދޭ ގޮތަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު، ވެރިކަމެއް ކުރުމުން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ، ވެރިޔަކަށް ހުންނަ ފަރާތަށް ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް ހުރެގެން ނުވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ވެރިކަން ކުރާއިރު، އެއްވެސް ކަމެއް ނުފޮރުވައި، ދެފުށްފެންނަ ވެރިކަމެއް ކުރާ ސަރުކާރަކަށް ކޮންމެ ސަރުކާރެއް ވެސް ވާންޖެހޭ ކަމަށާއި، އަންނަ ސަރުކާރު ވާނީ އެފަދަ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ޖަވާބުދާރީ ނުވެވޭ ކަމެއް އޮވެގެން ނުވާނެ، ވެރިއަކަށް ހުންނަ މީހެއްގެ ކިބާގައި. ރައްޔިތުންގެ ފަރާތުން ސުވާލެއް ކުރަންޏާ، އެކަމަށް ޖަވާބު ދޭންވާނެ. ކަމެއް ފޮރުވާފައި އޮވެގެން ނުވާނެ. ދެފުށްފެންނަން ޖެހޭނެ. ރައްޔިތުންނާއި އެކީގައި ސަރުކާރު އަބަދުވެސް އޮންނަން ވާނީ." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި އޮތް މަލްޓި ޕާޓީ ސިސްޓަމް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ޑރ. މުޢިއްޒު ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް އިސްކުރަންވީ ޤައުމު ކަމަށެވެ. އަމިއްލަ މަސަލަހަތަށްވުރެ، ޤައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އަދި މިގޮތަށް، ޕާޓީތަކުގެ އިސް ބޭބޭފުޅުންގެ ވިސްނުން ބަދަލުކޮށްފިނަމަ، ޕާޓީތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ބޭރުގެ އެހީގެ އިތުރަށް، ސަރުކާރުން އެހީތެރިވެދޭނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ރަނގަޅު ކަމެއް ކުރަން އުޅޭ ނަމަ އެކަމަކަށް އެއްބާރުލުން ދީ، ނުރަނގަޅުކޮށް ކަމެއް ކުރާ ނަމަ، އެ ކަމެއް ކުރެވޭނެ ރަނގަޅުގޮތް ރައްޔިތުންނަށް ހުށައެޅުމަކީ ހަރުދަނާ މަލްޓި ޕާޓީ ސިސްޓަމެއްގައި ސިޔާސީ ޕާޓީތަކުން ޢަމަލު ކުރަންޖެހޭ ގޮތްކަމަށް އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ވެސް ރަނގަޅު ވާހަކައެއް ދައްކަންޏާ، ސަރުކާރުން ރަނގަޅު ކަމެއް ކުރަން އުޅެންޏާ، އެކަމަކަށް އެހީތެރިކަން ދެއްވާށޭ. ޒިންމާދާރު އިދިކޮޅަކަށް، މިހާރު އޮތް ސަރުކާރު ވުން އަޅުގަނޑު އެދެން. ދެން ސަރުކާރުން ކުރާ ކަމެއްގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންގޮތަކަށް ކަމެއް ކުރާކަން ފެނިވަޑައިންނަވަންޏާއި، އެކަމެއްގައި އެ ބޭފުޅުން އެކަމެއް ކުރައްވާނެ އެންމެ ރަނގަޅު ގޮތް ރައްޔިތުންނަށް ހުށައަޅުއްވާށޭ." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އައު ސަރުކާރުގައި ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ތަރައްޤީ އާއި ގުޅޭގޮތުން ވެސް ޑރ. މުޢިއްޒު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ޑރ. މުޢިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ހުރި ތާށިކަން ފިލުވުމަށް މިހާރުވެސް މަޝްވަރާތަކެއް ކުރެވި، މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެމަނިކުފާނު އިއުލާންކުރައްވާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކުގައި ހިމެނޭ ފުށި ދިއްގަރު ފަޅު ހިއްމުގެ މަސައްކަތް، ވެރިކަމާއި ހަވާލުވެވަޑައިގަންނަވާތާ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފެށިގެންދާނެކަން ޑރ. މުޢިއްޒު މި ޕްރޮގުރާމުގައި ފާހަގަކުރެއްވިއެވެ. އަދި ވަރަށް ހަލުވިކަމާއިއެކު، އެ ފަޅު ހިއްކުމުގެ މަސައްކަތް 8 މަހާއި 10 މަހާއި ދޭތެރޭ ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި މިބިން ހިއްކާނީ ސަރުކާރުން މާބޮޑު ޚަރަދެއް ކުރަން ނުޖެހޭފަދަ ނިޒާމެއް ދެނެގަނެ، ވީހާވެސް ސަރުކާރުގެ ޚަރަދުތައް ކުޑަވާނެ ގޮތަކަށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމަށް ވެސް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.