ޚަބަރު

ފްލެޓް ލިސްޓަށް 7،521 ޝަކުވާ


  • ފުރަތަމަ ބުރުގައި ދޫކުރާނީ 4 ހާސް ފްލެޓު

  • ޝަރުތު ހަމަވާ އެންމެނަށް ފްލެޓު ދޭން ނިންމާފައިވޭ

  • ޝަކުވާގެ މުއްދަތު ހަމަވެފައިވަނީ ރޭ 12އަށް

  • މިހާރު ކުރަމުންދަނީ ޝަކުވާތައް ބެލުމުގެ މަސައްކަތް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 7500އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ފުރުޞަތު ދިނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 4 އަކާއި ހަމައަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ޝަކުވާ ހުށައެޅުމުގެ މުއްދަތު ރޭ 12 ޖެހުމާއި ހަމައަށް އިތުރުކުރިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މުއްދަތު ހަމަވިއިރު 7521 ޝަކުވާ ހުށައަޅާފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ހުށައެޅުނު ޝަކުވާތައް ބެލުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް، މިއަދު ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް ހުށައަޅާފައިވަނީ ކޮން ބާވަތެއްގެ ޝަކުވާކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.


"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ނިންމެވިއެވެ. ޕްލޭނިން މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ ހަތަރުހާސް ފްލެޓު ލިބޭނީ 3 ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން 76 އިން މަތިން މާކްސް ލިބިފައިވާ މީހުންނަށްކަމަށާއި، 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނެފައިވަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ކުރެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. މިކަމާގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެ، ގިނަ ތުޙުމަތުތަކެއް ކުރަން ފެށުމުން އޭސީސީއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.