ޚަބަރު

ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް، އެންމެން އެކަތިގަނޑަކަށް ވާންޖެހޭ: ޑރ. މުޢިއްޒު


  • ޖުމްހޫރިއްޔަތެއްގެ ފޮނި މީރުކަން ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން

  • ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ގެނައުމުގައި ގިނަ ބަޔަކު މަސައްކަތް ކުރެއްވި

  • ޤައުމުގެ ހަމަޖެހުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން އެދިވަޑައިގެންނެވި

ޤައުމަށް ހަމަޖެހުމާއި ކުރިއެރުން އެދޭނަމަ، އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފިއެވެ. އިންތިޚާބީ ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާއި ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ ޚާއްސަ މެސެޖެއްގައެވެ.

މިއަދު ފާހަގަކުރާ 55 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމައި ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޖުމްހޫރިއްޔަތެއްގެ ފޮނި މީރުކަން ލިބޭނީ، ޤައުމު އިސްކޮށްގެން ކުރެވޭ މަސައްކަތްތަކަކުން ކަމަށެވެ. އަދި މި ފޮނި މީރުކަން ލިބިގަތުމަށް ރައްޔިތުންނާއި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާއި، ގުޅިގެން ޤައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދާއި ހަމައަށް ޖުމްހޫރީ ނިޒާމު ރާއްޖެއަށް ގެނައުމުގައި ގިނަ ފަރާތްތަކެއް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން އިންތިޚާބީ ރައީސް ވަނީ، މިއަދާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށާއި، ކެބިނެޓުގައި މަސައްކަތް ކުރެއްވި އެންމެހާ މިނިސްޓަރުންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ޖުމްހޫރީ ވެރިކަން މި ހާހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު އަދާކުރައްވާފައެވެ.

މިމަހުގެ 17 ވަނަ ދުވަހު، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ހުވާ ކުރެއްވުމާއިއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސަށެވެ.