ޚަބަރު

މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިގޮތަށް ބައެއް ބަދަލުތައް ގެންނަނީ


  • ވަގުތީ ރިޕޯޓަށް 3 ބަދަލެއް ގެނައުމަށް ވަނީ ނިންމާފައި

  • ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުން

  • ގއ. 3 ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލު ގެނައުން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތަށް ބައެއް ބަދަލުތައް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައި ވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އެއަށްފަހު އިލެކްޝްންސް ކޮމިޝަނުން ވަނީ އެ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 65 ޝަކުވާއާއި ޚިޔާލު ހުށައެޅިއެވެ.

އިތުރުވާ ގޮނޑިތައް ފުރަތަމަ ކަނޑައެޅިގޮތް


• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާއާއި ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކުރުމަށް ފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ވަގުތީ ރިޕޯޓަށް 3 ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. ޙަބީބު ވިދާޅުވީ ގެންނަ ބަދަލުތަކުގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި އެހެން ހުރިހާ މީހުން، ހުޅުމާލެ މެދު ދާއިރާ އާއި، ހުޅުމާލެ އުތުރު ދާއިރާއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ދަފްތަރު މީހުން ހިމެނޭ މާލޭ ދާއިރާތައް މާފަންނު، މައްޗަންގޮޅިގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ވަގުތީ ރިޕޯޓަށް ގެންނަ އިތުރު ބަދަލުތަކުގެ ތެރޭގައި، ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުމެވެ. މީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. މިގޮތަށް ބަދަލު ގެނައުމުން ހުވަދުއަތޮޅުގެ ދާއިރާތަކުގެ ތެރެއިން ވިލިނގިލި ދާއިރާގައި ހިމެނޭނީ ވިލިނގިލި އެކަންޏެވެ. އަދި ދާންދޫ ދާއިރާގައި ހިމެނޭނީ ނިލަންދޫ، ދާންދޫ، ކޮނޑޭއެވެ. ގެމަނަފުށި ދާއިރާގައި ހިމެނޭނީ ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫއެވެ. އަދި ކޮލަމާފުށި ދާއިރާގައި ހިމެނޭނީ ކޮލަމާފުށި، މާމެންދޫއެވެ.


އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓްގައިވާގޮތުން އަލަށް ހަ ދާއިރާއެއް އަންނަ މަޖިލީހަށް އިތުރުވެއެވެ. މިއާއެކު އައު މަޖިލީހުގައި 93 ދާއިރާ ހިމެނެއެވެ. މިހާރު އޮތް މަޖިލީހުގައި ހިމެނޭ 87 ދާއިރާއެވެ.


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މައިގަނޑު 2 އުޞޫލަކަށް ބަލައިގެންނެވެ. ފުރަތަމަ ބަލާފައިވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއްގެ އުޞޫލުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް މިމަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތްކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއްވެސް މިމަހު ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިންތިޚާބު އަންނަ އަހަރުގެ ރޯދަމަހާ ދިމާވުން ގާތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.