ޚަބަރު

ކުދި ކުށްތަކާއި، ސީރިއަސް ކުށްތަކުގެ ޤައިދީން ވަކިން ބޭތިއްބޭނެ ގޮތެއް ނެތް: ކޮމިޝަނަރ


  • ކޮމިއުނިޓީ ސަރވިސް ޙުކުމް ތަންފީޛުކުރުމުގެ ކަންކަން ހަރުދަނާ ކުރަންޖެހޭކަމަށް

  • އަންނަ އަހަރުގެ ބަޖެޓްގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައިވޭ

  • ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލަނީ

ޖަލުތަކުގައި ޙުކުމް ތަންފިޒްކުރަމުންދާ މީހުންގެ އާބާދީގެ ތެރޭގައި، ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން، އެއް އަހަރަށްވުރެއް ކުޑަ މުއްދަތަކަށް ޖަލަށްލާފައިވާ މީހުންނާއި، ސީރިއަސް ކުށް ކޮށްފައިވާ މީހުންނާ ވަކިކުރެވޭނެ އިންތިޒާމެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި މާފުށީ ޖަލަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަލުތައް އިތުރަށް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ކޮމިޝަނަރ ވާހަކަފުޅު ދެއްކެވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ބައެއް ކުށްތަކަށް ޖަލު ޙުކުމެއް ނޫން އަދަބު ނުވަތަ ކޮމިއުނިޓީ ކަރެކްޝަންސް މުހިންމުކަމަށެވެ. ކޮމިއުނިޓީ ކަރެކްޝަންސްއަކީ މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ މަސައްކަތެއް ކުރުވުމެވެ.

ކޮމިޝަނަރ ވަނީ ކޮމިއުނިޓީ ސަރވިސް ޙުކުމް ތަންފީޛުކުރުމާބެހޭ ގަވާއިދެއް އެކުލަވާލާ، ގެޒެޓްކުރެވިފައި ވީނަމަވެސް، އެކަން ޢަމަލީ ގޮތުން ތަންފީޛުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގައި ކޮމިއުނިޓީ ކަރެކްޝަންސް ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށް ދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލުގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން، އެއް އަހަރަށްވުރެއް ކުޑަ މުއްދަތަކަށް ޖަލަށްލާފައިވާ މީހުންގެ އިންސައްތައަކީ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށާއި، ޖަލުގެ އިންފްރާސްޓްރަކްޗާ ހުންނަ ގޮތުން ސީރިއަސް ކުށް ކޮށްފައިވާ މީހުންނާ އެމީހުން ވަކިން ގެންގުޅެވެން ނެތްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެމީހުންނަށް ސީރިއަސް ކުށްކުރާ މީހުންގެ ފިލޯސަފީ ފެތުރުމުން އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުން ނިކުތުމަށްފަހު އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ކުށުގެ ވެއްޓަށް ދާކަމަށް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން މަދުކުރެވޭނީ ޖަލު ނޫން އަދަބެއް ތަޢާރަފްކުރެވިގެންކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައިވާ ކަމަށާއި އެ ބޭނުންކޮށްގެން ގޭގައި ނުވަތަ ވަކި ތަނެއްގައި ބަހައްޓައިގެން މީހުން މޮނިޓަރ ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

"މިހާރު މަސައްކަތްތައް ހުންނަ ގޮތުން އިންސާނީ ވަޞީލަތްތައް އެންމެ ބޮޑަށް ބޭނުންކުރަންޖެހެނީ ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް. ނަމަވެސް ކުރިން ފާހަގަކުރެވުނު ކޮމިއުނިޓީ ކަރެކްޝަންސް ނުވަތަ ޖަލު ނޫން ޙުކުމެއް ތަންފީޛުކުރަން ފެށުމުން، ޖަލަށް ގެނެވޭ އާބާދީ މަދުކުރެވޭނެ .އޭރުން ޖަލުގައި ތިބޭނީ ސީރިއަސް ކުށްކުރާ މީހުން އެކަނި . ޖަލުގެ އާބާދީ މަދުކުރެވުމުން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ހިއުމަން ރިސޯސްގެ ބޭނުން ހިފިގެންދާނެކަމަށް." ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

އެމްސީއެސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޔޫއެންއޯޑީސީގެ އެހީގައި ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލަމުންދާ ކަމަށާއި، އަންނަ ފެބްރުއަރީ ނުވަތަ މާޗް މަސް ހިސާބުގައި ޑިވެލޮޕްކުރެވޭނެކަމަށެވެ. އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ޢަލީގައި އެމްސީއެސްގެ ލަނޑުދަނޑުތައް ހާޞިލް ކުރާނެ ގޮތްތައް ސްޓްރެޓަޖައިޒްކުރެވޭނެ ކަމަށާއި، ކަނޑައެޅޭ އަމާޒްތަކަށް ވާސިލްވުމަށް އިތުރަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިގެން ދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި ވޭތުވެ ދިޔަ އަހަރުގައި ކުރިއަށްދިޔަ ކަންކަމަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.