ޚަބަރު

އީވާ ނެތަސް ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ - ސުޕްރީމްކޯޓް


  • - ނައިބު ރައީސް ނެތަސް ރައީސް ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ގެންދެވޭނެ

  • - ކުރިޔަށް ނުގެންދެވޭނީ ބަހުސާއި ކަންކަން ފާސްކުރުން

  • - އިތުބާރު ނެތްކަމުގެ ގަރާރެއް އޮތަސް ޤާނޫނު އަސާސީ ލާޒިމުކުރާކަންކަން ކުރިޔަށް ގެންދެވޭނެ

ރައްޔިތުން މަޖލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގައި ރިޔާސަތު މަޖިލީހުގެ ނައިބް ރައީސް ނޫން މެމްބަރުންނަށް ވެސް ބެލެހެއްޓޭނެކަމަށް ސުޕްރީމްކޯޓުން ޙުކުމްކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށައެޅި ޤަރާރު، މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިޔަށް ނުގެންދިވާތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅީ އެމްޑީޕީންނެވެ.

އެ މައްސަލަ ނިންމަވާ ސުޕްރީމް ކޯޓުން މިއަދު ކުރެއްވި ހުޙުކުމްގައިވަނީ މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަންޖެހޭ 5 މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައި އެހެން އޮންނަ އޮތުމަކީ އެ ފަދަ މައްސަލައެއް ދިމާވެ މަޖިލިސް ޤާނޫނީ ހުސްކަމަށް އަޔަ ނުދިނުމަށް އޮތް ހައްލެއްކަމަށްވެސް ސުޕްރީމްކޯޓްގެ ޙުކުމްގައި ވެއެވެ.

މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީއާ ހިލާފު ނިންމެވުމެކަމަށެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށައަޅާފައިވާ ގަރާރެއް މަޖިލީހުގައި އޮއްވާ މަޖިލީހުގައި އެހެން އެއްވެސް ކަމެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް މަޖިލީހުގައި ގަވައިދާ ހަވާލާދީ މައްސަލަ ހުށައެޅި އެމްޑީޕީން ވަނީ އެދިފައެވެ.

މި ހުށައެޅުމާއި ގުޅިގެން ސުޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުގައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން މަޖލީހުގައި ކުރިޔަށް ނުގެންދެވޭނީ ބަހުސްއާއި ކަމެއް ފާސްކުރުންއެކަނިމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން މަޖލީހުގައި ކުރިޔަށް ގެންދަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުން އިއްވި ޙުކުމްގައި ވިދާޅުވިއެވެ. އެގޮތުން ބަޖެޓް ފާސްކުރުމާއި ރައީސް ހުވާކުރެއްވުމާއި ވަޒީރުނަނަށް ރުހުން ދިނުން ކުރިޔަށް ގެންދިޔުމަށް ހުރަހެއް ނެތްކަންވެސް ޙުކުމްގައިވެއެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

އަދި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއާއި ހަވާލާދީ އެމްޑީޕީން ބުނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން މަޖިލީހުގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމުން އެ މައްސަލަ ވަނީ ކުރިއަކަށް ނުގެންދެވިއެވެ. އެއަށްފަހު އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެންމެ ފަހުން އެޖެންޑާކުރި ޖަލްސާއަށްވެސް އިވާ ވަޑައިގެންފައެއް ނުވެއެވެ. އެއާއެކު މިހާތަނަށްވެސް ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑާއިގަންނެވީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.