ކުންފުނިތައް އުފެއްދުމާއި، ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރިއަށްގެންދިޔަ ދިރާސާގެ ހުދު ކަރުދާސް އާންމުކޮށްފިއެވެ.
މިހުދުކަރުދާސް އާންމުކޮށްދެއްވީ މިކަމަށްޓަކައި އެކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ.
މިކަރުދާހުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތައް އުފެއްދުމުގައި އެކުންފުނިތަކުގެ ހަޤީޤީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަނެ، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ ޢަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑަރ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަނެ، ދުނިޔޭގެ ގައުމުތަކުގައި ޢަމަލުކުރާ ބައެއް އުސޫލުތައް ދެނެގަނެ، ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓްރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއެކު އިސްލާހުކުރުމަށް ލަފަޔާއި އިރުޝާދުދިނުން ކަމަށް އޭސީސީން ހާމަކުރެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމްވަނީ ކުންފުނިތަކުގެ ކަންކަން ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ މައިގަނޑު ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި އޭސީސީން ތައްޔާރުކުރާ ހުދުކަރުދާސްތަކުގެ ހޯދުންތަކުގެ މުހިއްމުކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުންފުނިތަކުގެ ކަންކަން ރަނގަޅުކުރުމަށް މަގުފަހުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިތުރު ހުދުކަރުދާސްތައް އެކުލަވާލުމުގެ މުހިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް ދެއްކެވި ވާހަކައިގައި އޭސީސީގެ ރިސަރޗް ޓީމުން ކުރައްވާ މުހިއްމު މަސައްކަތްތައްވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ 1 އަހަރާއި 7 މަސްދުވަހުގެ ތެރޭގައި ބައްޓަންކުރެވުނުގޮތާއި ކޮމިޝަނުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކަށް ނާއިބު ރައީސް ވަނީ އަޅުއްވާލައްވާފައެވެ.
ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަން ފެންނަ 18 ލަފާ މި ކަރުދާހުގައި ހުށަހަޅާފައިވެއެވެ. މިހުދުކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.