ޚަބަރު

ރައީސް ޔާމީން ޖޫރިމަނާ ނުދައްކާތީ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި


  • އާރަށު މައްސަލާގައި ވަނީ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި

  • ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވޭ

  • ނަމަވެސް އެ ފައިސާ ނުދައްކާތީ ދައުލަތުން ސިވިލް ކޯޓަށް ހުށައެޅި

  • ސިވިލް ކޯޓުން ވަނީ އެ މައްސަލަ މިވަގުތަށް ކުރިއަށް ނުގެންދަން ނިންމާފައި

  • ރައީސް ޔާމީން ޖޫރިމަނާ ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމުގެ މައްސަލަ އާއި ގުޅިގެން

ކުރީގެރައީސް ޢަބްދުﷲ ޔާމީނަށް އިއްވާފައިވާ 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ޙުކުމްކޮށްފިއެވެ.

ވ. އާރަށު މައްސަލައިގައި ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީން11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ޑިސެމްބަރު 5ގައެވެ. އެފައިސާ ހަމަސް ދުވަހުގެތެރޭގައި ދެއްކުމަށް ކުރި ހުކުމުގެ މުއްދަތު ހަމަވީ މިއަހަރުގެ ޖޫން 25ގައެވެ.


ނަމަވެސް އެ ޖޫރިމަނާ އެމަނިކުފާނުގެ ފަރާތްޕުޅުން ދައްކާފައުނުވާތީ، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލްކޯޓަށް ހުށައެޅުމުން، އެކޯޓުން އިއްޔެ ވަނީ އެ މައްސަލަ މިވަގުތު އެކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ޙުކުމްކޮށްފައެވެ. ސިވިލްކޯޓުގެ ހުކުމްގައި ވަނީ، ރައީސް ޔާމީންގެ އާރަށު މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑއަޅަންދެން ނުވަތަ އެނޫން ގޮތަކަށް އަންގަންދެން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވާނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށާއި، އެ ނޫން ގޮތަކުންވެސް ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި ހައިކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައިވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ ތެރެއިން، ރައީސް ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާ ގުޅޭ ބައި ތަންފީޒު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލަ މިވަގުތަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައެޅީކަމަށްވެސް ސިވިް ކޯޓުގެ ޙުކުމުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ވަނީ އައިސްފައެވެ.

ޖަލު ޙުކުމް ތަންފީޒްކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ސިއްޙީ ސަބަބުތަކަށްޓަކައި ގެއަށް ބަދަލުކުރައްވާފައެވެ.