ޚަބަރު

އައިއޯސީސީގެ ރައީސްކަމުން ޑރ. ޝަހީމް އިސްތިއުފާދެއްވައިފި


  • އައިއޯސީސީގެ އުފެއްދީ 2021 ގައި

  • އިސްލާމީ ޢިލްމާއި ވަޙުދަތު އާލާކުރުމަކީ އެޖަމްޢިއްޔާގެ އަމާޒެއް

  • ޑރ. ޝަހީމް އިސްތިއުފާދެއްވީ އައު ސަރުކާރުގެ މަޤާމަކަށް ވަޑައިގަތުމަށް

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން، އައި.އޯ.ސީ.ސީގެ ރައީސްގެ މަޤާމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްތިއުފާދެއްވައިފިއެވެ.

އައި.އޯ.ސީ.ސީގެ ރައީސްގެ މަޤާމުން އިސްތިއުފާދެއްވާފައިވާކަން ޑރ. ޝަހީމް ހާމަކުރެއްވީ، އެމަނިކުފާނު ލިޔުއްވި ފޮތް "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރުމަށް އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެމަނިކުފާނު އެ ޖަމްޢިއްޔާގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވީ އައު ސަރުކާރުގެ މަޤާމަކާއި ޙަވާލުވެވަޑައިގަތުމަށެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ވައިސް ޗާންސެލަރުކަމުގެ މަޤާމުގެ އިތުރުން އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯރޕަރޭޝަންގެ އެޑްވައިޒަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

އައި.އޯ.ސީ.ސީއަކީ ޑރ. ޝަހީމް އިސްވެ ހުންނަވާ 2021 ވަނަ އަހަރު އުފެއްދެވި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މައިގަނޑު މަސައްކަތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިސްލާމީ ޘަޤާފަތް ދިރުވައި ފެތުރުމާއި، އިސްލާމީ ތަޢުލީމަށް ޚިދުމަތްކުރުން ހިމެނެއެވެ.