ޚަބަރު

މިނިވަން މުއައްސަސާތަކުގެ މެދުގައި ގުޅުންކުޑަވަނީ ސިޔާސީ ނުފޫޒު ފޯރުވާތީ: ފިރުޒުލް


  • އެއް މުއައްސަސާއާއި އަނެއް މުއައްސަސާއާއި އޮންނަ ގުޅުން ކުޑަ

  • ޤާނޫނުން ބާރުލިބިދޭ ބައެއް މުއައްސަސާތަކަށް ސިޔާސީ ނުފޫޒު އެބައޮތް

  • މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރައްވާނެ

މިނިވަން މުއައްސަސާތަކާ ޚާއްސަ ޤާނޫނުތަކުން އުފައްދަވާފައިވާ ޤާނޫނީ އިދާރާތައް ހިންގުމުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މަސައްކަތް ކުރުމުގައި އެއް މުއައްސަސާއާއި އަނެއް މުއައްސަސާއާއި އޮންނަ ގުޅުން ކުޑަވެ ސިޔާސީ ނުފޫޒު ފޯރާފައި އޮތުންކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިކަން ހާމަކުރެއްވީ، އިންތިޤާލީ މަރުހަލާގެ މަސައްކަތަކާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިޤާލީ މަރުހަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީތަކުން ފާހަގަވި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެގޮތުން ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ އެ މުއައްސަސާތަކުގައި މާލީ ތަނަވަސްކަން ނެތުންކަމަށެވެ.

އެގޮތުން ބަޖެޓްގެ ތާށިކަމާހުރެ އަހަރުގެ ފަހުކޮޅަށް ރާވާފައި ހުންނަ މަސައްކަތްތައް ހުއްޓާލާން ޖެހުމާ، ބަޖެޓް ލިބުން ދަތިވެ މުސާރާއާއި އިދާރީ ޙަރަދުތައް ކުރުމަށާއި، ފަންނީ މަސައްކަތްތައް ކުރުމަށް ބަޖެޓުނެތުމުން ދިމާވާ ދަތިކަން ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި މާލީ މުސްތަގިއްލުކަން ގެއްލުވާލާ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ނުފޫޒު އެ މުއައްސަސާތަކަށް ފޯރުވާތީކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނުތަކުން ބާރުލިބިދޭ މުއައްސަސާތައް ހުރިއިރު އެއް މުއައްސަސާ އަނެއް މުއަސަސާއާއި އޮންނަ ގުޅުން ކުޑަވުމަކީ އެ ތަންތަނުން ކުރާ މަސައްކަތް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އަދި ގުޅުން ކުޑަވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ މަސައްކަތަކާ ގުޅޭ ފަންނީ މުވައްޒަފުން ނެތުންކަމަށާއި، ފަންނީ މުވައްޒަފުން ލިބުމުގައި ދިމާވާ އެއް މައްސަލައަކީ މުސާރައިގެ މައްސަލައާއި މުއައްސަސާތަކުން މުވައްޒަފުން ކުރިއަށްދިއުމަށް އޮންނަ މަގު ހަނިކުރުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ކަންބޮޑުވާ މިންވަރަށް މިނިވަން މުއައްސަސާ ތަކުގައި މައްސަލަތައް އެބަހުރި އެންމެ ބޮޑު މައްސަލައަކީ ބަޖެޓްގެ ތާށިކަމާ މުއައްސަސާ ތަކުގެ ގުޅުން ކުޑަވުން، އެކަމުގެ ސަބަބުން މައްސަލަތަުގައި ގުޅުން އޮންނަ ދެ މުއައްސަސާ އިން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގައި މައްސަލަތަކެއް އެބަހުރި، އަދި ދެ މުއައްސަސާއަކު އެއްކަމެއް ކުރުމަކީވެސް ހަރަދު ބޮޑުވާ ސަބަބަބެއް ކަން ވަނީ ފާހަގަކުރެވިފައި" ފިރުޒުލް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރުޒުލް އިތުރަށް ވިދާޅުވީ، ދެ މުއައްސަސާއަކުން އެއް މަސައްކަތެއް ކުރަން ޖެހޭގޮތަށް އޮންނަ އޮތުން ފާހަގަކުރެވިފައިވާއިރު، އެކަމުގެ ސަބަބުން ދައުލަތުގެ ޙަރަދު އިތުރު ވެފައިވާކަމަށެވެ. އަދި މުއައްސަސާތަކުގެ މެދުގައި އޮންނަޖެހޭ ގުޅުން ކުޑަވުމަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ކަންކަން ހާސިލްކުރުމަށް ދަތިވާ އެއް ސަބަބުކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޤާނޫނޫން ގިނަ މުއައްސަސާތަކެއް ކަނޑައެޅި ގިނަ އެ މުއައްސަސާތަކަށް ސިޔާސަތުތަކެއް ކަނޑައެޅިފައިވާއިރު، ޤާނޫނު ތަޞައްވަރު ކުރާ މިންވަރަށް މަސައްކަތް ކުރެވިފައިނުވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

"ބައެއް ހާލަތްތަކުގައި މުއައްސަސާތަކަށް ކަނޑައަޅާފައި އޮންނަ ސިޔާސަތުތައް ވަރަށް ފުޅާކޮށް ކަނޑައެޅިފައި އޮތްނަމަވެސް އެކަން ކުރެވިފައި ނުވާކަން ފާހަގަކުރެވުނު، މިކަންކަމަށް ހައްލުގެނަސް މިނިވަން މުއައްސަސާތައް ކޮޅަށް ޖަހާނަން." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، އެ މުއައްސަސާތަކާމެދު ގޮތް ނިންމަވާނީ ސަރުކާރާ ހަވާލުވުމަށް ފަހުގައިކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިގޮތަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރުމަށްކަމަށެވެ. އެގޮތުން މުއައްސަސާތަކުގެ މާލީ މުސްތަޤިއްލުކަން އިތުރުކޮށްދީ، ޤާނޫނުން ގެންނަން ޖެހޭ އިސްލާޙުތައް ގެނެސް، ޖަވާބުދާރީކުރުވަނިވި ސަރުކާރެއް ހިންގައި، މުއައްސަސާތަކަށް ހުށައަޅަންޖެހޭ މައްސަލަތައް މަދުކުރައްވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.