ޚަބަރު

އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތަށް ހުށައެޅި ޝަކުވާތަކަށް މިއަދު ޖަވާބުދީ ނިންމަނީ


  • ޖުމްލަ 65 ޝަކުވާ ހުށައަޅާފައިވޭ

  • އެންމެ ގިނަ ޝާކުވާ އައްޑޫ ފޭދޫ ދާއިރާތަކަށް

  • މިހާރު ކުރަމުންދަނީ ފައިނަލް ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ހުށައެޅި ޝަކުވާތައް ބަލާ ނިމިފައިވާކަމަށާއި، އޭގެ ޖަވާބު މިއަދު ފޮނުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ދާއިރާތައް ކަނޑައަޅާ އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ވަގުތީ ރިޕޯޓަށް 65 ޝަކުވާ ހުށައަޅާފައިވެއެވެ. އެންމެ ގިނަ ޝަކުވާ ހުށައަޅާފައިވަނީ އައްޑޫސިޓީ ފޭދޫ އުތުރު ދާއިރާ ކަނޑައަޅަފައިވާގޮތަށެވެ. އެދާއިރާއަށް 44 ޝަކުވާއެއް ހުށައަޅާފައިވެއެވެ.

ޝަކުވާ ހުށައަޅާފައިވާ ދާއިރާތައް:

އައްޑޫ ސިޓީ: 7 ދާއިރާއިން - 50 ޝަކުވާ
ލ.އަތޮޅު: 2 ދާއިރާއިން - 3 ޝަކުވާ
ބ.އަތޮޅު: 4 ދާއިރާއިން - 4 ޝަކުވާ
ގއ.އަތޮޅު: 3 ދާއިރާއިން - 6 ޝަކުވާ
މާލެސިޓީ: 2 ޝަކުވާ

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އައު ދާއިރާތައް އުފެއްދުމާއި، ދާއިރާތަކުގެ ބޯޑަރު ކަނޑައެޅުމާއި، ދަފްތަރާއި ގުޅޭ ޝަކުވާތައް އިލެކްޝަން ކޮމިޝަނަށް ލިބިފައިވާކަމަށެވެ. މާލޭގެ ދަފްތަރުގައި ހިމެނޭ މީހުން ވޯޓުލުމާއި ގުޅޭގޮތުން ޙަބީބު ވިދާޅުވީ ވިލިމާލެ ދަފްތަރުގައި ހިމެނޭ މީހުން ވޯޓު ލާނީ ވިލިމާލެއަށްކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ދަފްތަރުގެ ރައްޔިތުން ވޯޓު ލާނީ ހުޅުމާލެ މެދު ދައިރާއާއި ހުޅުމާލެ ދެކުނު ދައިރާއަށްކަމަށް ހަބީބު ވިދާޅުވިއެވެ.

ޝަކުވާތަކަށް ބަލާ، މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ޢާއްމުކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތްކަމަށް ޙަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައި ވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައިވަނީ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހުގައެވެ. މި ރިޕޯޓުގައިވާ ގޮތުން، ރަައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93 އެކެވެ. މިއީ މިހާރު ހިނގަމުންދާ މަޖިލީހުގެ 87 ދާއިރާއާއި ބަލާއިރު 6 ދާއިރާގެ އިތުރުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އެކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މައިގަނޑު 2 އުޞޫލަކަށް ބަލައިގެންނެވެ. ފުރަތަމަ ބަލާފައިވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއްގެ އުޞޫލުންނެވެ.

އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް އާބާދީއަށް އައިސްފައިވާ ބަދަލަށް ބަލައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ދުވަހެއް މިމަހުގެ ތެރޭގައި އިޢުލާންކުރުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި އިންތިޚާބު އަންނަ އަހަރުގެ މަރޗް މަހު ފަހުކޮޅު ނުވަރަ އޭޕްރިލް މަހުގެ ކުރީކޮޅު ބާއްވަންޖެހެއެވެ.