ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ރިޓަޔަރ ކުރައްވައިފި


  • އަބްދުﷲ ޝަރީފް ކަސްޓަމްސްއާއި ގުޅިވަޑައިގަތީ 1993ވަނަ އަހަރު

  • ކޮމިޝަނަރ ޖެނެރަލަށް އައްޔަންކުރެއްވީ 2020 ވަނަ އަހަރު ޖޫންމަހު

  • ޝަރީފް ވަނީ ކަސްޓަމްސްއަށް 28 އަހަރު ޚިދުމަތް ކުރައްވާފައި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު، ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރ ކުރައްވައިފިއެވެ.

ކަސްޓަމްސްގެ އެކި މަޤާމުތަކުގައި، އަބްދުﷲ ޝަރީފު ވަނީ 28 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަބްދުﷲ ޝަރީފް، ކޮމިޝަނަރ ގެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، 2020 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ. ކޮމިޝަނާގެ މަޤާމާއި ހަވާލުވެވަޑައިގެންއިރު ޝަރީފް ހުންނެވީ ކަސްޓަމްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުގައެވެ. ކޮމިޝަނަށް ޖެނެރަލްގެ މަޤާމަށް ޝަރީފު އައްޔަން ކުރެއްވީ، އޭރު އެ މަޤާމު ފުރުއްވަމުން ގެންދެވީ އަޙުމަދު ނުޢުމާން އަވަހާރަވުމާއި ގުޅިގެން، ވަގުތީގޮތުން ކަސްޓަމްސްގެ ހިންގެވުމާއި ހަވާލުވެ ހުންނެވުމަށްފަހުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން އަބްދުﷲ ޝަރީފު ވަކިވެވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން، ކަސްޓަމްސްގެ އިސް މުވައްޒަފުންގެ ފަރާތުން ވަނީ، ކަސްޓަމްސްގެ ކުރިއެރުމަށް ޝަރީފު ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ޝަރީފްގެ ބެއްލެވުމުގެދަށުން، ކަސްޓަމްސްގެ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަކުރުމަށް ޒަމާނީ ނިޒާމުތައް ތަޢާރަފުކުރުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި އަދި ބޯޑަރ ސެކިއުރިޓީގެ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރެއްވިއެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގަތީ، 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަޤާމުންނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 22 އަރެވެ. އެގޮތުން އެޑި ޑިވިޝަންތަކާއި ހަވާލުވެވަޑައިގެން ޚިދުމަތްކުރެއްވިއެވެ.

ޢަބްދުﷲ ޝަރީފަކީ ކަސްޓަމްސްގެ މުވައްޒަފެއްގެ ގޮތުގައި އެކި މަޤާމުތަކުގައި އުޅުއްވުމަށްފަހު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމާ ހަވާލުވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށްވެސްމެއެވެ.