ތިމާވެށި

ޕެރިސް އެގްރިމަންޓްގައި ބައިވެރިވުމާމެދު ދިރާސާކުރަނީ


މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ މުޢާހަދާ، "ޕެރިސް އެގްރީމެންޓް" ގައި ރާއްޖެ ބައިވެރިވުމަށް ނިންމަވާފައިވާތީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތީ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

ޤާނޫނު އަސާސީގައިވަނީ، ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައި، ފާސްވުމުން، މަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށެވެ. ޕެރިސް އެގްރިމަންޓްގައި ބައިވެރިވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ އިއްވަވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ކޮޕް 21 ވަނަ ބައްދަލުވުމުގައި އެކުލަވާލި ޕެރިސް އެގްރިމަންޓަކީ، އެކާވީސްވަނަ ޤަރުނުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ބައިނަލްއަޤްވާމީ ޙައްލެއް ހޯދުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

ޕެރިސް އެގްރިމެންޓް ފާސްކުރީ، ރާއްޖެއިން ބޭނުންވި މައިގަނޑު ބައިތައް ހިމަނައިގެންނެވެ. އެގްރިމެންޓްގައި ހިމެނުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރާއްޖެއިން ބާރުއަޅާފައިވަނީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން، ސިނާޢީ އިންޤިލާބުގެ ކުރިން ހުރި މިންގަނޑަށްވުރެ 1.5 ޑިގްރީއަށްވުރެ މަތިވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމުގައެވެ. އެކަން ވަނީ ޕެރިސް އެގްރިމަންޓްގައި ހިމަނާފައެވެ.