ޚަބަރު

ނިއުކްލިއަރ ބޮން ބޭނުންކޮށްގެން ޣައްޒާއަށް ޙަމަލާދިނުމަށް ހިތްވަރުދިނުން ރާއްޖެއިން ކުށްވެރިކޮށްފި


  • ޣައްޒާއަށް ނިއުކްލިއަރ ބޮން އަޅަން ހިތްވަރުދިނީ އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރ

  • މިކަމާއި ގުޅިގެން މިނިސްޓަރު ވަނީ ސަސްޕެންޑްކޮށްފައި

  • އޮކްޓޯބަރު މަހު ފެށި ޙަމަލާތަކުގައި 9000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައި

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަލާތަކުގައި ނިއުކްލިއަރ ބޮން ބޭނުންކުރަން ހިތްވަރުދީ، އިސްރާއީލުގެ ހެރިޓޭޖު މިނިސްޓަރު ދެއްކި ވާހަކަ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ޔަހޫދީ އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު ހަނގުރާމައަށް ހިތްވަރުދީ ދެއްކި ވާހަކައާއި ގުޅިގެން އޭނާ ހޫނުފެނަށް ވެއްޓި، މަޤާމުން ވަނީ ސަސްޕެންޑްކޮށްފައެވެ. ނިއުކްލިއަރ ބޮން އެޅުމަކީ އެންމެ ބާރުގަދަ ޙަމަލާގެ ތެރޭގައި ހިމެނޭ ޙަމަލާއެކެވެ.

އޭނާ ދެއްކި ވާހަކަތަކަށް ގިނަ ޤައުމުތަކަކުން އަންނަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވީ، ޔަހޫދީ އިސްރާއީލުން ނުޙައްޤު ޙަމަލާތައް ޣައްޒާއަށް ދެމުންދާ މިދަނޑިވަޅުގައި، މިފަދަ ވާހަކަތަކެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ.

އަދި މިކަމާމެދު އިސްރާއީލުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ޢަމަލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ވަގުތުން ވަގުތަށް ފިޔަވަޅުއެޅުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ޣައްޒާގެ ކުށެއް ނެތް އާއްމު ރައްޔިތުންނަށް، ޔަހޫދީ އިސްރާއީލުން ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލާ، އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އޮކްޓޯބަރު 7ވަނަ ދުވަހުން ފެށިގެން، ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތަކުގައި 10000އާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން ވަނީ ޝަހީދުކޮށްފައެވެ. އަދި ޒަޚަމުކޮށްލި މީހުންގެ ޢަދަދު 32000އިން މައްޗަށް އަރައެވެ.

ޔަޙޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް، ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ހުއްޓުމެއް ނެތި ވަކާލާތުކުރަމުންނެވެ.