ރިޕޯޓް

މިއަހރުގެ އޯޓިޒަމް ޙަރަކާތްތައް ފަސް ކިލޯ މީޓަރުގެ ދުވުމަކުން


އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ދެވަނަ ދުވަހެވެ.

މިދުވަހާއި ގުޅުވައިގެން ބައިނަލް އަޤްވާމީ ފެންވަރެއްގައި ކުރިޔަށް ގެންދާ އެންމެ ބޮޑު ޙަރަކާތަކީ އިމާރާތްތައް ނޫކުލައިން ދިއްލުމެވެ. ރާއްޖޭގައި އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ކުރިޔަށްގެންދާ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، އިމާރާތްތައް ދިއްލުމަށް އެދި ސަރުކާރުގެ އެންމެހައި ވުޒާރާތަކާއި އެނޫނަސް އެހެނިހެން ބޮޑެތި އިމާރާތްތައް ދިއްލުމަށް އެދިފައިވާނޭކަމަށެވެ. އެގޮތުން އޯޓިޒަމް ކުދިންނަށްޓަކައި އެއްދުވަސް ނޫކުލައިން ދިއްލުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14591499295230.jpg|އޯޓިޒމް ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން

އޯޓިޒަމަށް ހޭލުންތެރި ކުރުވުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ މި ދުވަހާއި ދިމާކޮށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުންވެސް ވަނީ ތަފާތު އެކި ޙަރަކާތްތައް ރާވާފައެވެ. މިޙަރަކާތްތަކާއި ބެހޭ މަޢުލޫމާތު ޕީ.އެސް.އެމްއާއި ހިއްސާ ކުރައްވަމުން އެޖަމްޢިއްޔާގެ މެނޭޖިންގް ޑިރެކްޓަރ އިފްހާމް ހުސައިން ވިދާޅުވީ، ރާއްޖޭގައި ތިބި އޯޓިޒަމް ހުންނަ ކުދިންނަށް އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާއި ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައުމާއި، އޯޓިޒަމަށް ޢާއްމުން ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި މުޅި ދުވަހަށް ބަހާލައިގެން ދުވަހުގެ އެކި ވަގުތު ތަކުގައި ތަފާތު އެކި ޙަރަކާތްތައް ބޭއްވުމަށް އެޖަމްޢިއްޔާއިން ނިންމާފައިވާކަމަށެވެ. އަދި މިއަހަރަކީ އެޖަމާޢަތުން އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަަހަށް އަމާޒުކޮށް އެންމެ ގިނަ ޙަރަކާތްތައް ބާއްވާ އަހަރު ކަމަށެވެ. އެގޮތުން "އޯޓިޒަމް ޗެރިޓީ ރަން" ގެ ނަމުގައި ބާއްވާ ދުވުން އިފްހާމް ވަރަށް ބޮޑަށް ފާހަގަ ކުރައްވައެވެ.

" އަސްލު އަޅުގަނޑުމެން ބޭނުންވީ މިފަހަރު އާކަމެއް ކުރަން، އެވިސްނުމުގައި ރޭވި ޙަރަކާތެއް ދަންވަރު މިބާއްވާ ފަސް ކިލޯ މީޓަރުގެ ދުވުމަކީ. އަޅުގަނޑުމެން ޓާގެޓް މިކުރަނީ 300 މީހުން މިދުވުމުގައި ބައިވެރިވާނެކަމަށް. މިހާތަނަށް 200 ދުވުންތެރިން މިވަނީ ލިސްޓްކުރެވިފައި. އަސްލު ބޭނުންވަނީ ދުވަސް ފަށަންވެސް ޙަރަކާތަކުން. އިރާދަ ކުރެއްވިޔާ އެޕްރީލް 2 ވަނަ ދުވަހުގެ 00:00ގައި 300 އަށް ވުރެ ގިނަ ބައިވެރިންނާއި އެކު ދުވެލެވޭނެ. މި ހަރަކާތާ ބެހޭ ގޮތުން ކުރެވޭ އުންމީދު ވަރަށް ބޮޑު." އިފްހާމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14591497484711.jpg|އޯޓިޒމް ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން

އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހާއި ގުޅުވައިގެން ދެން އެޖަމްޢިޔާއިން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި އޯޓިޒަމް ކުދިންގެ ޢާއިލާތަކައް ޢަމާޒުކޮށްގެން ބާއްވާ " އޯޓިޒަމް ޢާއިލީ ނާސްތާ" ހިމެނެއެވެ. އެދުވަހުގެ ހެދުނު ނުވައެއް ޖަހާއިރު، ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނާސްތާގައި އޯޓިޒަމް އެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނާއި، ރަޖިސްޓްރީ ނުކުރާ ކުދިންގެ އާއިލާތަކައްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިފްހާމް ވިދާޅުވިއެވެ.

"ސިމްފަނީގެ އެހީތެރިކަމާއި އެކު، ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން އާއިލީ ނާސްތާ އެބަ ބާއްވަމު. ޓާގެޓަކީ 200 ކުދިން މީގައި ބައިވެރިވުން. މީގެ މަޤްޞަދަކީ އޯޓިޒަމް އާއިލާތައް އެއްތަނަކުން ދިމާވެ،އިހްސާސްތައް ބަދަލުކޮށް، އެކި ގޮތްގޮތުން ކުރިމަތިވެފައިވާ ކަންތައްތައް ހިއްސާކުރުން. މި ހަރާކާތް ރޭވިފައިމިވަނި ކުދިންނާއި، ޢާއިލާތައް އެކު އެކީގައި ބައިވެރިވެވޭ ފަދަ މުނި ފޫހި ފިލުވުމުގެ ޙަރަކާތްތަކާއިވެސް އެކުގައި. މިއީ ވަރަށް އިމޯޝަނަލް އިވެންޓެއް." އިފްހާމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14591499539428.jpg|އޯޓިޒމް ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން

އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި، "ވޯކް ފޯރ އޯޓިޒަމް" ގެނަމުގައި ބާއްވާ ހިނގާލުމަކާއި، "ރައިޑް ފޯރ އޯޓިޒަމް"ގެ ނަމުގައިވާ ބައިސްކަލު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ. މި ދެ ހަރަކާތުގައި ވެސް ބައިވެރި ވެވޭނީ އޯޓިޒަމް އެސޯސިއޭޝަނުން އެކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ، 150 ރުފިޔާއަށް ވިއްކަން ލިބޭ ޓީޝާޓެއް ގަނެގެންނެވެ. މި ދެ ހަރަކާތް ވެސް އެކު އެކީގައި ފަށާނީ އޭޕްރިލް ދެވަނަ ދުވަހުގެ ހަވީރު  16:00 ގައި، ސޯޝަލް ސެންޓަރުންނެވެ. އެތަނުން ފެށިގެން، ހަރަކާތް ނިންމާލާނީ އާޓިފިޝަލް ބީޗަށް ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14591497570605.jpg|އޯޓިޒމް ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން

އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ގެންދަނީ ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ އޯޓިޒަމް ކެމްޕެއިން "ޔޭސް ވީ ކޭން" ގެ ދަށުން ކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ. އޯޓިޒަމް އެސޯސިއޭޝަނަކީ ރާއްޖޭގައި ތިބި އޯޓިޒަމް ހުންނަ ކުދިންގެ ޙާލަތު ރަނގަޅުކޮށް، އެކުދިންނާއި ޢާއިލާތަކަށް އެކި ގޮތްގޮތުން ކުރިމަތިވާ ކަންކަމުގައި، އެހީތެރިވެ، އެކުދިންގެ ޙައްޤުގައި ވަކާލާތު ކުރުމަށާއި، އަދި އޯޓިޒަމަށް ހޭލުން ތެރި ކުރުވުމުގެ ގޮތުން 2010 ވަނަ އަހަރު، ކުރީގެ ފަސްޓް ލޭޑީ އިލްހާމް ހުސައިންގެ އިސްނެންގެވުމުގެ މަތިން އުފައްދަވާފައިވާ ޖަމްއިއްޔާއެކެވެ.