ޚަބަރު

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އޭސީސީން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ


  • އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުން

  • ކަން ހިނގާފައިވާ ގޮތުގެ މަޢުލޫމާތު އެއްކުރާނެ

  • އޭސީސީން ވަނީ ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދދިނުމަށް އަންގާފައި

ފްލެޓު ދޭނޭ ފަރާތްތައް ކަނޑައަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ހައުސިން މިނިސްޓްރީއަށް ގޮސް ތަހުގީގަށް މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ފްލެޓް ދޭން އުޅޭ ގޮތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމެއް މިހާރު އަންނަނީ ހައުސިން މިނިސްޓްރީއަށް ގޮސް ހަރަކާތްތެރިވަމުންނެވެ. އަދި ފްލެޓް ދީފައިވާ ގޮތުގެ މަޢުލޫމާތު އެއްކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އަދި އެކަން ވަނީ އޭސީސީއަށްވެސް ހުށައަޅާފައެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ވަނީ ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގަވައިފައެވެ.

އެ ކޮމިޝަނުންވަނީ މިމައްސަލަ ތަހްޤީގުކުރަމުން އަންނާތީ އެސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް އަންގަވައިފައެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ އިއްޔެ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިސްޓް ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު ކަމަށެވެ. އަދި ލިސްޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އަންނާތީ ޕޯޓަލް މެދުވެރިކޮށް ޝަކުވާއަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށް އަކްރަމްވަނީ ވިދާޅުވެފައެވެ.

"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވެއެވެ.