ޚަބަރު

"ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުން އެއްބައިވަންތަކަމަށް ލޯބިކުރާނެ ދަރިންތަކެއް އުފެދޭނެ


  • "ޤައުމިއްޔަތު" އެ މާއްދާ އެކުލާވާލެވޭނީ ދިވެހި ސަޤާފަތާއި ދިވެހި ބަހާއި އިސްލާމް ދީން ހިމެނޭގޮތަށް

  • ސްކޫލްތަކުގައި ބަލިކަށިވެފައި ހުރި ކަންކަން ރަނގަޅުކުރަންޖެހޭކަމަށް ވިދާޅުވި

  • ޑރ. މުއިއްޒުއަކީ ޢިލްމީ ބޭފުޅެއްކަމުން ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލެއް ގެންނަވާނެކަމަށް ވިދާޅުވި

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުލީމީ ސިޔާސަތުގައި "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުން ރާއްޖޭގައި އެއްބައިވަންތަކަމަށް ލޯބިކުރާނެ ދަރިންތަކެއް އުފެދިގެންދާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ޝަހީމް ވަނީ ޑރ. މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގައި އިސްލާމީ ވަޙްދަތުފުޅާ ކުރެއްވުމަށްޓަކައި ކުރައްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ ޢިލްމީ ބޭފުޅެއްކަމަށާއި، މި ޒަމާނުގައި ތަޢުލީމީ ދާއިރާ ކުރިއަށް ގެންދާނެ މިސްރާބު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސްކޫލްތަކުގެ ކަންކަން ތަރައްޤީކޮށް ދަމަހައްޓާނެ ތަޞައްވަރެއް އެމަނިކުފާނު ގެންގުޅުއްވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ތަޢުލީމީ ސިޔާސަތަށް އަލި އަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދިވެހި ތާރީޚުގެ ވާހަކަތައް މިއަދުގެ ޒުވާނުންނަށް ކިޔަވައިދޭން ޖެހޭކަމަށެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި ދިވެހި ތާރީހް މިއަދުގެ ޒުވާނުންނަށް ކިޔައިދިނުމަކީ ޤައުމަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއްގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުން ދިވެހި ޤައުމުގެ އެއްބައިވަންތަކަމަށް ލޯބިކުރާނެ ދަރިންތަކެއްއް އުފެދިގެން ދާނެކަމަށާއި، އިސްލާމްދީނަށް އިޚްތިރާމްކުރާ ދީން ދެކެ ލޯބިވާނެ ދަރިންތަކެއް އުފެދިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަޙީމް ވިދާޅުވީ "ޤައުމިއްޔަތު" އެ މާއްދާ އެކުލާވާލެވޭނީ ދިވެހި ސަޤާފަތާއި ދިވެހި ބަހާއި އިސްލާމްދީން، ތަރުތީބުވެގެން އަންނަ ގޮތަށް ކަމަށެވެ.

"ޑރ. މުޢިއްޒުއަކީ ތަޢުލީމީގޮތުން މިޒަމާނުގައި އެންމެ ފަހަގަކުރެވޭ ޤައުމުތަކުން ކިޔަވައިގެން ހުންނެވި ބޭފުޅެއް. ސަކޫލަތްކުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި.. ބެލެނިވެރިންވެސް ތަހައްމަލު ކުރަމުންދާ ދަތިތައް އެބަހުރި.. އެކަންތައްތަކަށް ހައްލު އަންނަން ޖެހޭ. ބައެއް ބެލެނިވެރިން އަބަދުވެސް ޝަކުވާ ކުރޭ ބެލެނިވެރިންގެ އަތުން އިތުރަށް ފައިސާ ނެގުމާއި މިބާވަތުގެ ކަންތައް ސްކޫލް މާހައުލުގެ ތެރޭގައި އޮންނާތީ.. މިކަންކަމަކީ ކޮންމެ ބެލެނިވެރިއަކަށް ތަޙައްމަލު ކުރަން ފަސޭހަ ކަމަކަށް ނުވެދާނެ. ސްކޫލްތަކުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި ރަނގަޅު ކަންތައްތައް އެބަހުރި. ނަމަވެސް މީގެ ތެރެއިން ބައެއް ކަންތައްތައް ހުރެދަނެ ބަލިކަށިވެފައި. އެކަންކަން ދިރުވާ އާލާކުރަން މަސައްކަތް ކުރަން ޖެހޭނީ." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ޕީ.ޕީ.އެމްގެ އެޑްވައިޒަރކަންވެސް ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، ޑރ. މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ލޮބުވެތި ދަރިވަރުންނަށް ރަނގަޅު ގޮތް ހޯދައިދީ، ރަނގަޅު ވިސްނުން ހޯދައިިދީ، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެއްވާނެކަމަށެވެ. އަދި މި ޒަމާނަށް ހޭލުންތެރި ޢިލްމު ހުރި ފަންނުވެރި ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަންވެސް ޝަހީމް ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ، މި ޤައުމު ނުބައި މިސްރާބަކަށް ދިއުމަށްޓަކައި ޑރ. މުއިއްޒު ފުރުޞަތު ނުދެއްވާނެކަމަށެވެ.

އިސްލާމީ ވަޙްދަތް ފުޅާކުރެއްވުމަށްޓަކައި ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވަނީ އިސްލާމީ ވަޙްދަތް ދެމެހެއްޓުމަކީ ރާއްޖޭގެ މައިބަދައިގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން އިސްލާމްދީން ރަނގަޅަށް ކިޔަވައިދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

ނޭދެވޭ ކަންކަމުގައި ޚިޔާލުތަފާތުވުން ނައްތާލެވޭނެ މާހައުލެއް ޤާއިމްކުރަންޖެހޭކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ފިޤްހީ ކަންކަމުގައި ބަހުސްކޮށް ދިރާސާ ކުރުމުގެ މަޤު ޢިލްމުވެރިންނަށް ހޯދައިދޭންޖެހޭކަމަށެވެ. އަދި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި އިސްލާމީ ވަޙްދަތު ފުޅާކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.