ޚަބަރު

ފްލެޓް ލިބޭ މީހުން ކަނޑައެޅީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު: އަކްރަމް


  • 3 ކޮޓަރީގެ ފުލެޓް ލިބުނީ 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް

  • 2 ކޮޓަރީގެ ފުލެޓް ލިބުނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް

  • ފްލެޓް ލިސްޓާމެދު އާއްމުންގެ ކަންބޮޑުވުން އޮތުމުން ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޕޮއިންޓް ދިން އުޞޫލާމެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވިއެވެ. ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓް ދީފައިވާގޮތުގެ ދާއިމީ ލިސްޓް ނެރެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ ޕްލޭނިންގ މިނިސްޓްރީ ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނަމުންދަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި ސަރުކާރުން ހުޅުވާލި 4000 ފްލެޓް ލިބޭ ފަރާތްތަކުން ދާއިމީ ލިސްޓް ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު ކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ، ލިސްޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އަންނަމުންދާތީ، ޕޯޓަލް މެދުވެރިކޮށް ޝަކުވާއަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިހުޅުވާލަނީ ތި ޝަކުވާތައް ރަސްމީކޮށް ހުށައަޅަން. ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައަޅަން މިއަދު ހުޅުވާލާނަން." އަކްރަމް ވިދާޅުވިއެވެ.

ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ޕްލޭނިންގ މިނިސްޓްރީން ފުރަތަމަ އާއްމުކުރެއްވިއިރު، ޕޮއިންޓް ދިން ގޮތުގެ ތަފްޞީލު މިނިސްޓްރީން އާއްމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް ދާއިމީ ލިސްޓާއެކުވަނީ، އެމީހަކަށް ލިބުނު ޕޮއިންޓުގެ އަދަދު ހިމަނާފައެވެ.

ފްލެޓް ލިސްޓް އާއްމުކުރުމާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އަދި ހުށަހެޅި މައްސަލަތައް ކޮމިޝަނުން ދިރާސާކުރަމުން އަންނަ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް ހުޅުވާލި ފުރަތަމަ ބުރުގައި 20،697 މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ނެރެފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.