ޚަބަރު

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅި އިޞްލާހު ރައީސް ތަސްދީގު ކުރައްވައިފި


  • މިބިލު މަޖިލީހުން ފާސް ކުރީ މިދިއަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގައި

  • މި ބިލުގައި 12 މާއްދާއަކަށް ވަނީ އިސްލާހު ގެނެސްފައި

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ތަޞްދީޤު ކުރައްވައިފިއެވެ.

2002 ވަނަ އަހަރު ހަދާފައިވާ މިޤާނޫނަށް، މީގެ ކުރިން 3 ފަހަރުމަތިން ވަނީ އިސްލާހު ގެނެސްފައެވެ. މި ބިލަށް ހުށަހެޅި 4 ވަނަ އިސްލާޙު ފާސްކޮށްފައި ވަނީ މިދިއަ މަހުގެ 16 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ވޯޓު ދެއްވި 43 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުން އެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި، ޤާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ. މި އަކުރުގައި ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިޢުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާޙުގައި، ކޮންމެ އިންތިޚާބަކަށްފަހު، އެ އިންތިޚާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުގެ އެކިއެކި މާއްދާތަކަށް އިސްލާޙް ހުށަހަޅާފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި ގުޅިގެން މިޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.