ޚަބަރު

ނަޞްރުގެ ދުވަހާއި ގުޅިގެން އައިޔޫއެމްގެ ޚާއްސަ ފޯރަމެއް


  • ސިފައިންގެ އަދި ޢާއްމުންގެ ތެރެއިން މަންޒަރު ފެނުނުގޮތް ހިއްސާކުރި

  • ހުއްޓަނުލާ ސިފައިންނަށް ހަމަލާ ދެވުނީ އެކަމަށް ކޮންމެވެސްވަރެއްގެ ތަމްރީނެއް ދެވިފައިވާތީ

  • ވަރުގަދަ އަސްކަރިއްޔާއެއް އުފެއްދުމަށް ލިބިގެންދިޔަ ބާރެއް އެދުވަހުގެ ޙަމަލާއަކީ

ނަޞްރުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން އިންތިޒާމުކޮށްގެން ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.

ރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފޯރަމްގައި އެދުވަހު ސިފައިންގޭގައި މަސައްކަތްކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކާނަލް ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކުގެ އިތުރުން ޢާއްމުންގެ ތެރެއިން އެދުވަހު ޙަރަކާތްތެރިވި މުޙައްމަދު މުޝްތާޤްވަނީ މިފޯރަމްގައި ބައިވެރިވެވަޑައިގެން އެދުވަހުގެ ހަނދާންތަކާއި ތަޖުރިބާ ހިއްސާކުރައްވާފައެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލްވަނީ އެދުވަހުގެ އޮޕަރޭޝަންގެ ވާހަކަ ދަރިވަރުންނާއި ހިއްސާކުރައްވާފައެވެ.

ސިފައިންނަށް ލިބިގެންދިޔަ ކުއްލި ޝޮކާއެކުވެސް ހުއްޓާނުލާ ޙަމަލާ ދޭން ސިފައިންގެ ހިތްވަރު ހުރީ ހުރި ވަޞީލަތްތަކާއެކު ދެވިފައިވާ ތަމްރީނުތަކުގެ ސަބަބުންކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. އެގޮތުން ސިފައިންގެއަށް އަމާޒުވި ފުރަތަމަ ޙަމަލާއާއެކު ސިފައިންގެއިން ދިފާޢުގައި ޙަމަލާދީ ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ނުދީ ހިފެހެއްޓުމުގައި މާތްﷲގެ މަދާދާއެކު ކުރި ހިތްވަރަކީ ފާހަގަކޮށްލެވޭ ހިތްވަރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ހިތަށް އަރާ ކީއްވެބާއޭ ނަޞްރުގެ ދުވަސް ފާހަގަކުރާއިރު އޭގެކުރިން މާތްވި އިސްލާމްދީނާއި ދިވެހި ބިން ދިފާޢުކޮށް ހަނގުރާމަކުރި ހިތްވަރު ބަޠަލުންގެ ވާހަކަ ނުދައްކަންވީ. 1988 ގެ ޢުދުވާނީ ޙަމަލާގެ ކުރިން އެހަނގުރާމައިގެ ކުރިން ދިވެހިންވަނީ 6 ފަހަރެއްގެ މަތިން ހަނގުރާމަކޮށް މިނިވަންކަން ދިފާޢުކޮށްފައި." މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން ކާނަލް ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކުވަނީ ސިފައިންގެ ތެރެއިން އެދުވަހު ފެނިގެންދިޔަ މަންޒަރުތައް ހިއްސާކުރައްވާފައެވެ. އަދި އެއީ ވަރަށް ގިނަ ކަންކަމަށް ދިވެހި އަސްކަރިއްޔާއިން ސަމާލުވުމަށް ކުރިމަތިވިކަމެއްގެ ގޮތުގައިވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު މިފެންނަ ތަމްރީންކުރެވިފައިވާ ސިފައިންގެ ލަޝްކަރު ތަމްރީންކުރުމަށް ވިސްނަވާ އެމަސައްކަތް ސީދާގޮތެއްގައި ފެށިގެންދިޔައީ އެދުވަހަށްފަހު." ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކު ވިދާޅުވިއެވެ.

އެދުވަހުގެ ހަނދާންތައް ޢާއްމުންގެ ތެރެއިން ހިއްސާކުރައްވަމުން މުޙައްމަދު މުޝްތާޤް ވިދާޅުވީ، އެއީ މިއަދުވެސް ގިނަ ފިލާވަޅުތަކެއް އެދުވަހުން ލިބިދޭ ކަމެއްކަމަށެވެ. ސްކޫލް މަދުރަސާތަކުގެ ދަރިވަރުން އެކަމަކާއި ބެހޭގޮތުން ހޯދާ ދިރާސާކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާވަނީ އެދުވަހުގެ ޙަމަލާ ފާހަގަކުރައްވާފައެވެ.

"އެދުވަހު އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ހޯދާ ބަލާ ދިރާސާނުކުރެވޭ ކަންތައްތަކެއް. އެކަންކަން ޔުނިވަރސިޓީގެ ކުދިން އިސްނަގައިގެން ދިރާސާކުރެއްވުމަކީ މުހިއްމުކަމެއް." މުޝްތާޤު ވިދާޅުވިއެވެ.

ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި އައިޔޫއެމްގެ ފަރާތުން ބޭއްވި ފޯރަމްގައި ޔުނިވަރސިޓީގެ އިސްވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައެވެ. މިފޯރަމްގައި ވަނީ އެދުވަހުގެ ޙާދިސާގައި ސިފައިންގެ އެތެރެއިން އަޅުއްވަމުންދިޔަ ފިޔަވަޅުތަކާއި ބާޣީން ޙަމަލާތައް ދެމުންދިޔަ ގޮތާއި އަދި ޢާއްމުންގެ ތެރެއިން އެމަންޒަރު ފެނުނު ފަރާތްތަކުގެ ދުލުން ޒުވާނުންނާއި ހިއްސާކުރައްވާފައެވެ.