މެދުކަނޑާލާފައި އޮތުމަށްފަހު ހދ. މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެރަށުގައި ވެލްޑިން ކުރާ ސިލިންޑަރެއް ގޮވައި ބިން ހިއްކުމުގެ މަސައްކަތުގައި އަމަލީގޮތުން އުޅުނު ދެމީހަކު މަރުވުމާ ގުޅިގެންނެވެ. ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ގާތްގަޑަކަށް 12 ދުވަސް ފަހުންނެވެ.
މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، ދިމާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން މަސައްކަތް މެދުކަނޑާލުމަށްފަހު ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ހުކުރުދުވަހު ފަށާފައިވާކަމަށެވެ. އަދި އެމަސައްކަތް އަލުން ފެށީ ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބިގް ފިޝް ކުންފުނީގެ މުވައްޒަފުންނަށް ކައުންސެލިން ދިނުމަށްފަހުގައިކަމަށެވެ. އައުޒަމް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން އެއަރޕޯޓަށް ބޭނުންވާ ސަރަޙައްދުގެ ގާތްގަޑަކަށް %20 ހިއްކާފައިވާކަމަށެވެ.
މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މަކުނުދޫ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރާ މަޝްރޫޢެކެވެ.
ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލާ، ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ރަށު ބަންދުގައި ތާށިވެފައިވާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން އުތުރުން ފެށިގެން ދެކުނާއި ހަމައަށް އެކި ސަރަޙައްދުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމާއި، ޤައުމީ ފެރީގެ ނިޒާމުން ރަށްތައް ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބުގައި އެއަރޕޯޓު އަންނަނީ ތަރައްޤީކުރަމުންނެވެ.