ޔަހޫދީންގެ ލާއިންސާނީ އަނިޔާތައް ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދިވެހި ކަނބަލުންގެ ޚާއްސަ ހިނގާލުމެއް މާލޭގައި ބާއްވައިފިއެވެ.
ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި މި ހިނގާލުމަކީ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ "މޮމްސް އެއިޑް" ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިނގާލުމެވެ.
ރަސްފަންނު ސަރަޙައްދުން ފެށި ހިނގާލުމުގައި ވަނީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގައި، ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ ހަނދާން އާކޮށްފައެވެ. އަދި ޙަމަލާތައް ހުއްޓާލާ، ފަލަސްޠީނުގެ މިނިވަކަމަށް ވަނީ ގޮވާލާފައެވެ. އެގޮތުން މިފަދަ ލިޔުންތަކާއި ފަލަސްޠީނުގެ ޙާލަތާމެދު އަޑުއުފުލުމަށް ބެނާތަކާއި ލިޔުންތައް އަދި ކުރެހުންތައް ވަނީ ބޭނުންކޮށްފައެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙާމަލާތައް ވަރުގަދަކޮށްފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް މި ޙަމަލާތަކުގައި ފަލަސްޠީނުގެ ކުށެއްނެތް 9000 އަށްވުރެ ގިނަ އާއްމު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި 3000 އަށްވުރެ ގިނަ ތުއްތު ކުދިން ހިމެނެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުޓާލުމަށް ގޮވާލާ، ރާއްޖެއިން އަންނަނީ ބޮޑެތި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައިވެސް އަންނަނީ، އަޑު އުފުލާ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމުގެ ހަރަކާތްތައްވެސް ހިނގަމުންނެވެ. އެގޮތުން ޓެލެތޯންއާއި، ތަކެތި ވިއްކައިގެން ފައިސާ ހޯދުމާއި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކުންވެސް އަންނަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެއިން ހޯދާފައިވާ ފައިސާގެ އެހީގައި، ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ ވަގުތީ އެހީ އަންނަނީ ފޯރުކޮށްދެމުންނެވެ.