ޚަބަރު

ފަރުދީ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތު އިސްކުރަން ރައީސް ގޮވާލައްވައިފި


  • ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ގޮވާލެއްވި

  • މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށް

  • ޢުދުވާނީ ޙަމަލާއިން ސަލާމަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު ދެންނެވި

ފަރުދީ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހުތު އިސްކޮށް، ޤައުމުގެ ކަރާމަތާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަކީ ޢަޒުމެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ 3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނާއި ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގައި ސާބިތުވެ ތިއްބަވައި ޖިހާދު ކުރެއްވި ހިތްވަރުގަދަ ދިވެހި ސިފައިންނަށް، އެންމެހައި ދިވެހިންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ. އަދި އެދުވަހު އަޅުގަނޑުމެންނާ ކުރިމަތިވި ބިރުވެރި އަދި ނުރައްކާތެރި ޙާލަތުގައި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި، ޢާންމު ރައްޔިތުންގެ ތެރެއިން އިސް ނަންގަވައިގެން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ރައީސް ޝުކުރު ދެންނެވިއެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަޞްލަޙަތުގެ މައްޗަށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށްކަމަށެވެ. ހަމަ އެއާއެކު، ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުންކަމަށެވެ.

"ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަޞްރު ލިބުމުގެ ސިއްރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބު. ހަމައެއާއެކު، އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ޤުރުބާންވުމުގެ ރޫޙު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުން." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުރައްކާތެރި ލާއިންސާނީ ޢުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަޚުންނާއި އުޚުތުންގެ ހާލަތު ފާހަގަކުރައްވާފައެވެ. އެގޮތުން ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިޢުމާރީ އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުން އެދަނީ، މިޒަމާނުގެ އިންސާނީ ތާރީޚު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ޙައްޤުތަކުން މަޙުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އަނިޔާވެރި ޢަމަލުތަކުގައި ޝަހީދުވަމުންދާ ފަލަސްޠީނުގެ އެންމެހައި އަޚުންނާއި އުޚުތުން، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި ޒަޚަމްވެ އަނިޔާ ލިބެމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާދެންނެވިއެވެ.